➊
📚 ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން
އައްސަރްޚަސީ ވިދާޅުވިއެވެ:
"އަހަރެމެންގެ މަޛުހަބުގައި (އެބަހީ ޙަނަފީ މަޛުހަބުގައި) ގޮދަމުގެ އަގަށް ފައިސާ ދިނުން ހުއްދައެވެ. އެހެނީ މިކަމުގެ މިންގަނޑަކީ މީސްތަކުންގެ ޙާޖަތްތައް ފުއްދުން ކަމުގައި ވުމުންނެވެ. އަދި މިކަން، ފިޠުރު ޒަކާތް ފައިސާ އިން ދިނަސް އަދި ގޮދަމުން ދިނަސް ޙާޞިލްވެއެވެ. އެހެނަސް އައްޝާފިޢީ މިކަން ހުއްދަ ނޫން ކަމަށް ދެކިލައްވައެވެ. މި (ފިޠުރު ޒަކާތް ތަކެތިން ނޫނީ އެއަށް އަގުކުރެވޭ ފައިސާއިން ނެރުމުގެ މައްޗަށްވާ) އިޚްތިލާފު ބިނާވެގެންވަނީ ދަނޑުގޮވާމަށް ޒަކާތް ނެރުމުގެ (އެބަހީ މުދަލު ޒަކާތުގެ) މައްޗަށެވެ. (އެބަހީ މުދަލު ޒަކާތް ފައިސާއަށް ވާ މިންވަރުން ދެއްކޭނެތޯ ނުވަތަ ނޫންތޯ އާއިމެދު އޮންނަ އިޚްތިލާފުގެ މައްޗަށެވެ.)
އަބޫ ބަކްރު އަލް-އަޢްމަޝް ވިދާޅުވަނީ: "އެއަށް އަގުކުރެވޭ ފައިސާއަށް ވުރެ (ފިޠުރު ޒަކާތް ދިނުން) މޮޅު އިތުރީ ގޮދަމުން ދިނުމެވެ. އެހެނީ މިކަން ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގެ ބޭރުފުށަށް ދޭހަވާ މާނައާއި އެއްގޮތްވެގެން ވެއެވެ. އަދި ޢިލްމުވެރިންގެ އިޚްތިލާފުން ސަލާމަތްވެ، އެހެންކަމުން، ދީނީ ގޮތުން ރައްކާތެރިކަން ބޮޑެވެ." (މިއާ ޚިލާފަށް) އަބޫ ޖަޢްފަރު ވިދާޅުވަނީ: "އަގު ކުރެވޭ މިންވަރު ދިނުން މޮޅުއިތުރެވެ. އެހެނީ މިކަމުގައި ފަގީރުންނަށް މަންފާކުރުން މާގާތެވެ. އެވެރިންނަށް ބޭނުންޖެހިފައިވާ ޙާޖަތްތައް ވަަޤުތުން ގަނެވެއެވެ."
ނަބިއްޔާ ﷺ ގެ ޒަމާނުގައި، ގޮދަމާއި ހިމަ ގޮދަން ކަނޑައަޅުއް ވާފައިވާ ސަބަބަކީ، އެއަކީ އޭރު (ފައިސާ ފަދައިން) ގަނެވިއްކުމަށް (ބާޓާއަށް) ބޭނުން ކުރެވުނު ތަކެއްޗެވެ. އެހެނަސް މިތާގައި (މިހާރު)، ގަނެވިއްކުމުގެ އަސާސީ އެއްޗަކީ ނަޤުދު ފައިސާއެވެ. އެހެންކަމުން ފިޠުރު ޒަކާތް ފައިސާއިން ދިނުން އެދެވިގެން ވެއެވެ."(1)
އައްޘަޥްރީ އާއި އިސްޙާޤް އިބްނު ރާޙަވައިހް އަދި އަބުއް ޘަޥްރު ވެސް މިރައުޔު ނެންގެވިއެވެ. އެބަހީ ފައިސާއިން ދެއްކުމުގެ ހުއްދައިގެ މައްޗަށެވެ. އެހެނަސް އައްނަވަވީ "މަޖްމޫޢު ޝަރަޙް އަލް-މަޛްޙަބް" (ޖުޒުޢު 6 ޞ. 112) ގައި ބަޔާން ކުރައްވާފައިވާ ފަދައިން، މިބޭކަލުން މިކަން ޙުއްދަކުރެއްވީ ޟަރޫރަތުގެ ޙަލަތުގައެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ރައުޔަކީވެސް ޟަރޫރަތުގެ މައްޗަށް އަދި މީސްތަކުންގެ ޢާންމު މަޞްލަޙަތުގެ މައްޗަށް އެކަން ހުއްދަކަމުގައެވެ. ވިދާޅުވިއެވެ:
"ދެންފަހެ، މުދަލަށްވާ އަގު، ޒަކާތާއި، ކައްފާރާ އަދި މިފަދަ ކަންކަމުގައި، މާލިކު އާއި އައްޝާފިޢީގެ މަޛްހަބުގައި އެނގި ބަޔާންވެފައި ވާގޮތުން (މިކަން) ޖާއިޒެއް ނޫނެވެ. އަދި އަބޫ ޙަނީފާގެ އަރިހު ޙުއްދައެވެ. އަދި އަޙްމަދު رحمه الله ބައެއް ތަންތާގައި އަގުކުރުން މަނައު ކުރައްވާފައިވެއެވެ. އަދި އަނެއްބައި ތަންތަނުގައި ހުއްދަ ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނުގެ ދަރިވަރުން ތެރެއިން އެ ނައްޞާއި އެއްބަސްވެލެއްވި ބޭކަލުން ވިއެވެ. އަދި މިއިން ފާޅުވަނީ: ޙާއްޖަތެއް އަދި މަޞްލަޙަތެއް ނުވޭމެ، އަގަށްވާ ފައިސާ ނެގުން އެކަލޭގެފާފާނު އަރިހުން މަނައުކަމެވެ..." އިތުރަށް މިހެން ވިދާޅުވުމާއި ހަމައަށެވެ: "...ދެންފަހެ ޙާއްޖަތަކަށްޓަކައި، ނުވަތަ މަޞްލަޙަތަކަށް ނޫނީ ހަމަހަމަކުރުމަށްޓަކައި، އެޔަށްވާ ފައިސާ ނެރުން، މިކަމުގައި މައްސަލައެއް ނެތެވެ."(2)
އަދިވެސް ވިދާޅުވިއެވެ: "ދެންފަހެ އެޔަށްވާ ނަގުދު ފައިސާ ދިނުން، މިކަމުގައި (ޢިލްމުވެރިން) ދެބަސްވެފައިވެއެވެ. އެމުޅިއެއްކޮށް ޖާއިޒުހެއްޔެވެ؟ ނުވަތަ މުޅިއެއްކޮށް ޖާއިޒުވެގެން ނުވޭހެއްޔެވެ؟ ނުވަތަ ބައެއް ސިފަތަކުގައި ޙާއްޖަތަށްޓަކައި ނުވަތަ ޞައްޙަ މަޞްލަޙަތަކަށްޓަކައި ހުއްދަހެއްޔެވެ؟ - އަޙްމަދު އާއި އެނޫންބޭފުޅުންގެ މަޛުހަބުގައި ވަނީ ތިންވަނަ ބުނުމުގެ މައްޗަށެވެ. އަދި ރައުޔުތަކުގެ ތެރެއިން ޞައްޙަކަން ބޮޑީ މިރައުޔެވެ." އެބަހީ، ފަހުން ބުނެވުނު ގޮތެވެ.(3)
___________
(1) އަލްމަބްސޫތު (ޖުޒުޢު 3 ޞ. 107 - 108)
(2) މަޖްމޫޢު އަލްފަތާވާ (ޖުޒުޢު 25، ޞ. 82-83)
(3) މަޖްމޫޢު އަލްފަތާވާ (ޖުޒުޢު 25، ޞ 79)
📚 (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ.
ހ.
ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން ޒަކާތުގެ މިންވަރަކީ ޞާޢު އެކެވެ. ބައެއް ފަރާތްތަކަށް ހީވެފައިވާ ފަދައިން ޞާޢު އަކީ ބަރުދަނެކެވެ. އެހެނަސް މިއީ ކުށް ހީއެކެވެ. ޞާޢު އަކީ 4 މުއްދު އެވެ.
މުއްދު އަކީ އާދައިގެ މީހެއްގެ ދެއަތުން ނެގޭވަރެވެ. އެހެންކަމުން ޞާޢު އަކީ އާދައިގެ މީހެއްގެ ދެއަތުން، ހަތަރު ފަހަރު ނެގޭވަރެވެ.
ސަލަފުން އަރިހުން އައިސްފައިވާ މުއްދު މިނެކިރުން ތަކަށް ބަލައި މިޒަމާނުގެ މިނެކިރުމަށް ބަދަލުކުރުމަށް ތަފާތު ހިސާބުތައްވެއެވެ މިޚިލާފުތަކާއި އެކު ޞާޢު އެއްގެ މިންވަރަކަށް ބޮޑަށް ގާތީ 2.5 ލީޓަރެވެ. އަދި ރައްކާތެރިކަމަށް ބަލައި 2.75 ލީޓަރަށް ބެލެވިދާނެއެވެ.(1)
2.75 ލީޓަރަށް ހަމަވާ ގޮދަން ފުށާއި، 2.75 ލީޓަރަށް ހަމަވާ ހަނޑޫ ނޫނީ ކަދުރުގެ ބަރުދަން ތަފާތެވެ.
އެހެންކަމުން މީގެ ބަރުދަން ކިރައި، ފުށުން މިވެނި ކިލޯ އެއް، ހަނޑުލުން މިވެނި ކިލޯ އެކޭ، ބަޔާން ކުރަނީ ޢާންމުންނަށް އެ ގުނައި އަދަދުކުރަން ފަސޭހައަކަށެވެ.
ށ.
ފިޠުރު ޒަކާތް ގޮތުގައި ނެރެންޖޭ ބާވަތްތަކަކީ ކޮބައިތޯ އާއި މެދު ޢިލްމިވެރިން ޚިލާފުވިއެވެ.
ޙަންބަލީން ދެކިލައްވަނީ 5 ކަމެވެ: އެއީ ކަދުރާއި، މޭބިސްކަދުރާއި، ގޮދަނާއި، ހިމަގޮދަނާއި ހިކި ކޮޓޭޖް ޗީޒެވެ.
އިމާމް އަޙްމަދު ވަނީ، ޢާންމު ކެއުމުގައި ބޭނުންކުރެވޭ ކޮންމެ ވައްތަރެއްގެ ގޮވާމެއް ނޫނީ ކަދުރެއް ވިޔަސް ހުއްދަކަމަށް ވިދާޅުވެފައެވެ.
މާލިކީންނާއި ޝާފިޢީން ދެކިލައްވަނީ ކޮންމެ ކަހަލަ ކާއެއްޗެއްވިޔަސް، އެއީ އެތަނެއްގައި ނޫނީ އެމީހެއް ޢާންމުކޮށް ކެއުމުގައި ބޭނުން ކުރާ އެއްޗެއްނަމަ ނެރެވިދާނޭކަމެވެ.
ޙަނަފީން ފިތުރު ޒަކާތުގެ ތަކެތީގެ އަގަށްވާ ފައިސާއިން ދެއްކޭނޭކަމަށް ދެކިލައްވައެވެ.(2)
އަބޫ ޞަޢީދުލް ޚުދުރީ އަރިހުން ދެ ޞަޙީޙް ގައި ރިވާވެފައިވެއެވެ: ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ ﷺ އަހަރެމެންނާއި އެކު ހުންނެވި އިރު، ފިޠުރު ޢީދު ދުވަހު އަހަރެމެން ކާތަކެތީގެ ޞާޢު އެއް (ޒަކާތުގެ ގޮތުގައި) ނެރެމުއެވެ." އަބޫ ސަޢީދު ވިދާޅުވިއެވެ: "އަދި އެދުވަސްވަރު، އަހަރެމެންގެ ޢާންމު ކާތަކެތީގެ ގޮތިގައި ބޭނުންކޮށް އުޅުނީ، ގޮދަނާއި، ކަދުރާއި، ހިކި މޭބިސްކަދުރެވެ."
ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ، މިތާގައި މިވާ ކާތަކެތީގެ މުރާދަކީ، އެތަނެއްގައި މައިގަނޑު ކެއުމުގައި ބޭނުންކުރާ ކޮންމެ އެއްޗެކެވެ. އެހެންކަމުން، ހަނޑުލާއި ގޮދަންފުށުގެ އިތުރުން، ޕާސްތާ ނޫނީ މަސް (ނުވަތަ މަސްދަޅު) ވެސް ނެރެވިދާނެއެވެ. ޞަޙާބީންނާއި ސަލަފުން ތެރެއިން ކަދުރު، ހިމަގޮދަން، ހިކި މޭބިސްކަދުރު، ގޮދަން ނުވަތަ ޗީޒުވެސް ނެރުއްވިއެވެ.
އިބްނުލް ޤައްޔިމް މިޚިލާފުތައް އަލިއަޅުވާލައްވައި ވިދާޅުވީ، ކަދުރާއި، ހިމަ ގޮދަނާއި، މޭބިސްކަދުރު ނުވަތަ ހިކި ކޮޓޭޖް ޗީޒް ނަބިއްޔާ އަރިހުން ވާރިދުވެފައިވަނީ، މިއީ މަދީނާގެ ޢާންމު ކާނާ ކަމުންނެވެ. އެނޫން ތަންތާގައިވާ މީހުންނަށް ވަނީ އެބަޔެއް ކެއުމުގައި ގެންގުޅޭ ގޮވާމެއް ގެ ޞާޢު އެއް ނެރުމެވެ. މިސާލަކަށް ޒުވާރި ނޫނީ ހަނޑޫ ފަަދައެވެ. އަދި ޢާންމު ކެއުމަކީ ގޮވާމު ބާވަތެއް ނޫންނަމަ، މިސާލަކަށް ކިރު ނޫނީ އެއްގަމު މަސް ނޫނީ ކަނޑުގެ، އަދި މިފަދަ ތަކެތި، އެހެންވެއްޖެނަމަ އެވެރިންނަށް ވަނީ އޭގެން ޞާޢުއެއް ނެރުމެވެ. އަދި މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ.(3)
___
(1)ބައްލަވާ: މިލިޔުން (ޢަރަބި)
(2) فقه ومحاسبة الزكاة للأفراد والشركات، ޞ. 11-12.
(3) إعلام الموقعين عن رب العالمين كتاب ألفه ابن قيم, vol. III, دار الكتب, ޞ. 15-16.
ޒަކާތާއި ބެހޭ ބައެއް ފިޤުހު
➊ (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ. [ކިޔާލުމަށް]
➋ އަސީރުން ފިތުރު ޒަކާތް ނެރެން ޖެހުމާއި މެދު، ޚުލާސާ [ކިޔާލުމަށް]
➌ ފިޠުރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟ [ކިޔާލުމަށް]
➍ ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ. [ކިޔާލުމަށް]
➎ ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ. [ކިޔާލުމަށް]
➏ ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. [ކިޔާލުމަށް]
➐ ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން [ކިޔާލުމަށް]
➑ މިކަމުގެ މައްޗަށް: ފައިދާއެއް [ކިޔާލުމަށް]
➒ ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟ [ކިޔާލުމަށް]
➓ ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟ [ކިޔާލުމަށް]
⓫ ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން [ކިޔާލުމަށް]
⓬ ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން [ކިޔާލުމަށް]
⓭ "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ." [ކިޔާލުމަށް]
~ ގަލަންދާނު
📚 ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ.
ހ.
އިންސާނާ އަމިއްލައަށް އޭނާގެ ފިތުރު ޒަކާތް ބެހުމީ މޮޅު އިތުރު ގޮތެވެ. އައްޝާފިޢި ވިދާޅުވިއެވެ: "އެބެހުމަށް އެއްކުރާ ފަރާތަކާއި ހަވާލުކުރުމަށްވުރެ އަހަރެން ޚިޔާރުކުރަނީ އަމިއްލަޔަށް ފިތުރު ޒަކާތް ބެހުމަށެވެ. "
އައްނަވަވީ "އަލްމުޖްމިޢު" ގައި ވިދާޅުވިއެވެ: "އައްޝާފިޢީ "އަލްމުޚްތަޞިރް" ގައި ވިދާޅުވިއެވެ: "ފިތުރު ޒަކާތް ބެހެވުން ވަނީ މުދަލު ޒަކާތްވެސް ބެހޭ މީހުންނަށެވެ. އަހަރެން ލޯބިކުރަކީ އަހަރެން ހޭދަކުރަން ލާޒިމުނުވާ ގާތްތިމާގެ މީހުންނަށް އެބެހުމަށެވެ." އަދި ވިދާޅުވިއެވެ: "އެބެހުމަށް އެއްކުރާ މީހަކާއި ހަވާލު ކުރުމަށް އެދޭނަމަ، އެކަން އެމީހަކަށް ހުއްދައެވެ - إنْ شَاءَ اللَّهُ تَعَالَى. އަދި މޮޅު އިތުރީ އަމިއްލަޔަށް ފިޠުރު ޒަކާތް ބެހުމެވެ. އޭނާ (މުސްލިމުންގެ) އިމާމް އަށް ނޫނީ އެއެއްކުރާ ފަރާތް ނޫނީ މީސްތަކުންނަށްޓަކައި ބަހައިހެދުމަށް އެއްކުރާފަރާތަކާއި ހަވާލުކޮށް، އޭނާގެ ބައި ބެހުމަށް އިޛުނަ ދިނުމުގައި މައްސަލައެއް ނެތެވެ. އެހެނަސް އޭނާ އަމިއްލައަށް އެބެހުން، މިއެންމެހާ ގޮތަކަށް ވުރެ މޮޅުއިތުރެވެ."
ށ.
އަދި އިތުބާރު ހިފޭ މީހެއް އެކަން ކުރުމަށް ތިމާ ފަރާތުން ވަކީލެއް ގޮތުގައި ހަމަޖެއްސުން ހުއްދައެވެ. އިތުބާރެއް ނެތްނަމަ ހުއްދައެއް ނޫނެވެ.
ޢަބްދު اللَّهِ ބުނު އަލް މުއައްމަލް ވިދާޅުވިއެވެ: އަހަރެން އިބްނު އަބީ މުލައިކާ އަރިހުން އަޑުއެހީމެވެ. އަދި މީހަކު އެކަލޭގެފާނު ގާތުގައި ބުންޏެވެ: "ފިޠުރު ޒަކާތް މިސްކިތުގައި ދޫކުޅައުމަށް 'މިވެނި މީހެއް' އަހަންނަށް އަމުރުކޮށްފިއެވެ." އިބްނު އަބީ މުލައިކާ ވިދާޅުވިއެވެ: ތިބާއަށް ފަތުވާ ދިނީ ރައުޔެއް ނެތް ޢިލްޖެއް ހެއްޔެވެ؟ (އަމިއްލަޔަށް) އެ ބަހާށެވެ. އެހެނީ ހަމަކަށަވަރުން، (މިސްކިތުގައި އެ އެއްކުރުމަށް ހަވާލުވެ ހުރި ސަރުދާރު) އިބްނު ޙިޝާމް އެބަހާނީ އޭނާގެ ސިފައިންނާއި އެނާ އެދޭމީހަކަށެވެ. (އެބަހީ، އެޔަށް ޙައްޤު ނޫން މީހުންނަށެވެ.)(1)
ނ.
އިމާމް އަޙްމަދު ވިދާޅުވިގޮތުން، (ކޮންމެ ފަރުދެއް މައްޗަށް ނެރެން ވާޖިބު ޒަކާތުގެ މިންވަރު) 1 ޞާޢު، ބައިވަރު މީހުންގެ ޖަމާޢަތަކަށް (ބައިކޮށްފައި) ބަހާލެވިދާނެއެވެ. އަދި ބައިވަރު ޞާޢު ތަކެއް (މިސާލަކަށް އެއް އާއިލާގެ ޒަކާތް އެއްކޮށް) އެންމެ ފަރުދަކަށްވެސް ދެވިދާނެއެވެ.
އަދި މާލިކު ވިދާޅުވިއެވެ: "މީހެއް އެނާގެ އަދި އެނާގެ ޢާއިލާގެ ފިޠުރު ޒަކާތް އެއް މިސްކީނަކަށް ދިނުމުގައި މައްސަލައެއް ނެތެވެ."(2)
(ޒަކާތުގެ މިންވަރު) އެއް ޞާޢު އަކަށް ވުރެ މަދުން ފަޤީރަކަށް ދޭނަމަ، އެވާހަކަ އޭނާކައިރީ ބުނަންޖެހޭމެއެވެ. އެހެނީ ފަޤީރު މީހާ އޭނާގެ އަމިއްލަ ޒަކާތަށް އޭތި ނެރެފާނެތީއެވެ.
އަދި ފަޤީރަކަށް މީހަކު ފިޠުރު ޒަކާތް ދީފިނަމަ، އަދި އޭނާއަށް ބޭނުންވާ ޙާއްޖަތަށްވުރެ އިތުރު ވެއްޖެނަމަ، އޭނާގެ އަމިއްލަ ނަފްސަށް ނޫނީ ޒިންމާ ވާ ފަރާތެއްގެ މައްޗަށް ފިޠުރު ޒަކާތް ގޮތުގައި އެނެރުން ހުއްދައެވެ. އެއީ އެބައި (ފިޠުރު ޒަކާތަށް) ފުދިގެންވާނަމައެވެ.
_____
(1) الأم : باب ضيعة زكاة الفطر قبل قسمها .
(2) المدونة ج1 باب في قسم زكاة الفطر
*އިތުރު ތަފްޞީލަށް އިސްލާމަ ސުވާލާއި ޖަވާބުގެ މިލުޔުން (ޢަރަބި) ބައްލަވާ.
#Arusheef | May 27, 2019
📚 ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ.
🔻🔻🔻
އިލްމުވެރިން ވިދާޅުވެފައިވާ ގޮތުން ފިތުރު ޒަކާއި ދިނުން ވަނީ އެ މީހެއް ރޯދަ ނިންމާ ބިމެއްގަ އެވެ.
އިބްންމު ޤުދާމާ ވިދާޅުވި އެވެ: "ދެންފަހެ ފިތުރު ޒަކާތަށް ބަލާ އިރު، އެ ނެރުން ވަނީ، އެކަން ވާޖިބުވީ ފަރާތް އެތަނެއްގައި ހުރި ބިމުގަ އެވެ. އޭނާގެ މުދާ އެތާގައި ހުއްޓަސް ނުވެތަ ނެތަސް އެވެ." (އަލްމުޣްނި (4/134)
އަދި މި ނުކުތާގެ މައްޗަށް ބާރުދޭ ކަންކަމުގެ ތެރޭގައި:
(1) ފިތުރު ޒަކާއި ނެރުމުގެ ވަގުތެއް ކަމަށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ ރޭ، ނޫނީ އޭގެ 2 ދުވަސް ނުވަތަ 3 ދުވަސް ކަމަށް އިލްމުވެރިން ގެ ބޮޑު ބައިގަނޑެއް އިބްނު ޢުމަރުގެ ހަދީޘްގެ މައްޗަށް ބުރަވެލައްވައި ވިދާޅުވުން ހިމެނެ އެވެ.
(2) ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުގެ މައްޗަށް ބަލާ ނަމަ، ފިތުރު ޒަކާއި ނެރުން ވަނީ އާންމުކޮށް ކައިއުޅޭ ތަކެތީން ކަމަށް ވިދާޅުވާ ބަސްފުޅެވެ.
އަދި މި ދެ ކަމަކީވެސް، އާއްމު ގޮތެއްގައި ބަލާނަމަ، ޒަކާތް ވާޖިބުވެފައިވާ މީހާ އެވަގުތެއްގައި ހުރެއްޖެ ބިމެއްގައި އެކަނި ކުރެވޭނޭ ކަންކަމެވެ. މީގެ އިތުރުން، ފިތުރު ޒަކާތުގެ މަގުސަދުގެ ތެރޭގައި ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވާ އެއް މަގުސަދަކީ ފަޤީރުންނަށް ކާން ދިނުމެވެ.
އަދި މިކަމުގެ މައްޗަށް ބައްލަވައި، ތިބާ ޤާއިމުވެ ހުރެއްޖެ ބިމެއްގައި ފަޤީރުން ތިބެއްޖެ ހިނދެއްގައި އެތަނަށް ވުރެން ދުރު ބިމަކަށް އެ ހައްޤު ނުވާކަމަށް އިލްމުވެރިން ބަޔާން ކުރައްވާފައި ވެ އެވެ.
އެހެންކަމުން ޤާތުން ފެށިގެން ދުރަށެވެ. އަދި އެބިމެއްގައި ނެތްނަމަ، ދެން އެޔާއި ވިދިގެންވާ ބިމަކަށެވެ. މިއީ މިމައްސަލައިގެ އާއްމު ޙުކުމެވެ. އަހަރެމެން މިހެން ދެކެނީ، ހާޖަތަށްޓަކައި ފަހުގެ ބަޔެއް އިލްމިވެރިން ދުރުގައިވާ ބިމަކަށް އެ ނެރުން ހުއްދަ ކުރައްވާކަން ދަންނަ ހާލުގަ އެވެ.
ﷲأعلم
. ~ ގަލަންދާނު
ރޯދަވެރިޔާއަށް ރޯދަވީއްލުން ދޭމީހާއަށްވާ ޘަވާބާއި މެދު ނަޒަރެއް.
ޝެއިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
"ޒައިދު ބުނު ޚާލިދުލް ޖުހަނީ އަރިހުން ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިޔޭ
من فطر صائما فله مثل أجره
"ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފި މީހަކަށް އޭނާ އަށް ވާފަދައިން އަޖުރުވެއެވެ."
ރިވާކުރެއްވީ އައްތިރުމިޛީ އެވެ.
އަދި އިބްނު މާޖާ ގެ ރިވާޔަތުގައު "އެއުރެންނަށް ވާފަދައިން އަޖުރުވެއެވެ."
އަދި އަޙުމަދުގެ ރިވާޔަތުގައި "އޭނާ އަށް ވާފަދައިން އަޖުރު ލިޔެވިގެންވެއެވެ."
މިއެންމެ ބޭކަލުން ރިވާކުރެއްވީ، ޒައިދުގެ އަރިހުން ޢަޠާއު ބުނު ރަބާޙު މެދުވެރިކުރައްވައެވެ.
އަދި އެހެނަސް ޒައިދުގެ އަރިހުންނެއް ޢަޠާއު އަޑެއް ނާއްސަވައެވެ. އެހެންކަމުން މިސަނަދު ވަނީ ކެނޑިފައެވެ. އަދި މިއީ އިބްނުލް މަދީނީގެ ބަސްފުޅެވެ."
އަލްޢުލްވާން ވިދާޅުވިއެވެ:
"ފުރަތަމަކަނަކީ: ރޯދަވެރިޔާ ރޯދަވީއްލުން ދޭމީހާގެ ޘަވާބާއި މެދު ޢިލްމުވެރިން އިޚްތިލާފުވެފައެއް ނުވެއެވެ. އެއީ ފެންގޮއްޓަކުން ވިޔަސްއެވެ. އެހެނީ މިއީ ކުއްތަންވުމާއި ހެވާއި އިޙްސާންތެރިކަމެވެ. { وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ } (3:148) "إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ." { وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ } (22:77) "އަދި ތިޔަބައިމީހުން ހެޔޮކަންތައްކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ."
ދެވަނަކަމަކަށް: ނަބިއްޔާ ﷺ އަރިހުން ރޯދަވެރިޔާ ރޯދަވީއްލުންދޭ ފަރާތަކަށް ވަކިއްޚާއްޞަ އެއްޗެއް ޘާބިތުވެފައެއްނެތެވެ. ޖަޒާގެ މިންވަރެއް ނުވަތަ ކަނޑައެޅިގެންވާ ޘަވާބެއްވިއަސްއެވެ.
(ދެން މިކަމުގައި އައިސްފައިވާ ދެރިވާޔަތް ގެންނަވައި ޞައްޙަނޫންކަން ބަޔާނަކުރެއްވިއެވެ.)
އަދި ވިދާޅުވިއެވެ: ތިންވަނަ ކަމަކީ: މިރިވާޔަތްތަކުގައި މިއޮތް "ރޯދަވެރިޔާ ރޯދަ ވީއްލައިދިނުން" އަކީ ކޮބައިތޯ އަދި އޭގެ ވައްތަރާއިމެދު ޚިލާފުވެއެވެ. އެހެންކަމުން ބުނެވެއެވެ: ވީކޮންމެ އެއްޗަކުން ރޯދަ ވީއްލައިދިނުމެވެ. މިބޭފުޅުން މިޚަބަރުގެ ބޭރުފުށުގެ މާނައިގައި ހިއްޕެވިއެވެ. އަދިބުނެވެއެވެ: މިޙަދީޘްތަކުގައިވާ ރޯދަވެރިޔާ ރޯދަވީއްލައިދިނުމަކީ، އޭނާ (ބަނޑުހައިކަން ފިލާނޭހެން) ފުއްދައިދިނުމެވެ. ހަމަޖެހުން ބޮޑީ އަދި ބޮޑަށް ފިޤުހުވެރީ މިގޮތެވެ."
ޝެއިޚް ޢަބްދުﷲ އައްސަޢްދު މިޙަދީޘް ބަލިކަށިކަން ބަޔާން ކުރައްވައި ވިދާޅުވިއެވެ: "އެހެނަސް މިއަށް ހެކިވެވޭ ރިވާޔަތްވެއެވެ. އަދި ޢާންމު ރިވާޔަތްތަކުން މީގެ މާނަޔަށް ބާރުދެއެވެ..." (ޚުލާސާ)
އައްޠަރީފީ ވިދާޅުވިއެވެ: " އެއްބަލިކަށި ކަމަށްވުރެ ގިނަބަލިކަށިކަން ރިވާޔަތުގައިވެއެވެ. ވީމާ ޞައްޙައެއް ނޫނެވެ."
ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
"(އެހެންކަމުން) ޙަދީޘް ބަލިކަށިވިޔަސް މީގެ މާނައަކީ ވަކި ކޮންމެހެން އޭގެ މުރާދު ބަލިކަށްޓެކޭނޫނެވެ. އަދި އެއްވެސް (ޢިލްމުގެ) ބޭކަލެއް، ރޯދަވީއްލުން ނުދިނުމަކަށް ވިދާޅެއްނުވެއެވެ. އަދިކިއެއްހެއްޔެވެ؟ ރޯދަވީއްލުން ދޭށެވެ. އަދި ކާންދޭށެވެ. ތިބާއަށް ރޯދަވީއްލުމާއި ކެއުންދިނުމުގެ އަޖުރުވެއެވެ. އެހެނަސް ރޯދަވެރިޔާގެ ރޯދަ ފަަދަ އަޖުރެއް ތިބާއަކަށް ނުވެއެވެ."
ރޯދަ ފަރުޟު ކުރެވުނު ތާރީޚާއި އިތުރުއެކަލޭގެފާނު ހެކިވެލެއްވީ ކިތައް ރޯދަ މަސްކަން
ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެވުނީ ހިޖުރައިން 2 ވަނަ އަހަރުގައެވެ. އެހެންކަމުން ނަބިއްޔާ ﷺ 9 ރޯދަ މަސް ހޭދަކުރެއްވިއެވެ.
ޢާފިޔަތަށް އެދި ދުޢާ ކުރާށެވެ!
عن شريح بن هانئ، عن عائشة (رضي الله عنها) قالت: «لَوْ عَرفْتُ أَيُّ لَيْلَةٍ ليْلة القَدْر مَا سَألتُ الله فِيهَا إلا العَافِيةَ»
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: ”ލައިލަތުލް ޤަދްރި ވިލޭރެޔަކީ ކޮބައިކަން ތިމަންކަމަނާ އަށް އެނގިއްޖައީހީ ނަމަ، ﷲ ޙަޟުރަތުން ޢާފިޔަތަށް⁽¹⁾ ނޫން ކަމަކަށް ތިމަންކަމަނާ އެރޭގައި ނުދަންނަވާހުށީމެވެ.“
ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ: ”ރިވާކުރެއްވީ އިބްނު އަބީ ޝައިބާ އާއި އަލްބައިހަޤީ، އޭގެ އަސާސުގައި ޞައްޙަ ކޫފިއްޔު ސަނަދަކުންނެވެ. އެކަމަނާއަށް މަޥްޤޫފު ގޮތުގައެވެ.“ އަދި ޚާލިދުލް ޙާޔަކް ވެސް މިރިވާޔަތުގެ ސަނަދު ”ޞައްޙަ“ ކަމުގައި ވިދާޅުވިއެވެ.
~ ގަލަންދާން
_____________
[1] العَافِيَة އަކީ އޭގައި ފުން މާނައެއް އެކުލެވޭ ލަފުޒެކެވެ. އެހެންކަމުން އޭގެ މާނައިގައި ވަނީ ފިތުނަތަކުން ދީން ސަލާމަތް ކޮށްދެއްވުމެވެ. އަދި ޖިސުމު ދުޅަހެޔޮކަން ގެއްލިދިޔުމުންވެސް މެއެވެ. އަދި އޭނާގެ އަހުލުންނާއި މުދައުވެސް އެފަދަ އެންމެހާ ބަލާތަކަކުން ސާލާމަތްކޮށް ދެއްވުމެވެ.
ޢަފޫ (الْعَفْوَ) ކުރެއްވުމަށް އެދުމާއި (الْعَافِيَةَ) ޢާފިޔަތަށް އެދުމުގެ ފަރަޤަކީ ކޮބައޮހެއްޔެވެ؟
الْعَفْوَ (ޢަފޫ) ކުރެއްވުމީ، ދޫކޮށްދެއްވުމާއި ފޮހެދެއްވެވުމެވެ. އެހެންކަމުން މިއީ ފާފައިގެ މައްޗަށްވާ ޢުޤޫބާތް ފޮހެދެއްވެވުމެވެ. މިއާއި ޚިލާފަށް (المَغْفِرَة) އަކީ އޭނާގެ ޘަވާބުގެ ބަދަލަށް ފާފަފުއްސެވުމެވެ. އެހެންކަމުން މަޣްފިރަތަކީ އަޅުތަކުންނަށް ނިސްބަތް ނުވާ ﷲ އަށް އެކަނި ނިސްބަތް ކުރެވޭ ސިފައެކެވެ. އެހެންކަމުން اَسْتَغْفِرُ اللّه (އަޅާއަށް މަޣްފިރަތު ދެއްވާށި، އޭ ﷲ) މިހެން ބުނެވޭ ފަދައިން އެނޫން ފަރާތަކަށް، ނިސްބަތް ކުރެވި ނުބުނެވެއެވެ.
ބުނެވެއެވެ: الْعَفْو އަކީ ޢަޛާބު ކަނޑުވައިދެއްވުމެވެ. އަދި المَغْفِرَة އަކީ އޭގެ ފަހުން އޭނާ ފަޟީޙަތް ވުމާއި ބޭޒާރު ވުމުން ސަލާމަތްކުރެއްވުމެވެ. އެހެނީ ނަރަކައިގެ ޢަޛާބުން އޭނާ އެކީ އެއްކޮށް މިންޖުވުން ވަނީ (އެ ކުށްފާފަ ތަކުން އަންނަ) ފަޟީޙަތް ކުރެއްވުމުގެ ޢަޛާބުން މިންޖުވުމުންނެވެ.
ވީމާ الْعَفْو އަކީ ޖިސްމާނީ ޢަޛާބުން މިންޖުކުރެއްވުމެވެ. އަދި المَغْفِرَة އަކީ ރޫޙާނީ ގޮތުންނެވެ.
މިގޮތުން މިދެކަމާއި الْعَافِيَةَ މުޅިން ފަރަޤުވެގެން ވެއެވެ. އެއީ އަޅާގެ މައްޗަށް ލެއްވޭ ދުނިޔެވީ އަދި އުޚްރަވީ އެންމެހާ ބަލިމަޑުކަމާއި ބަލާތަކުން ދިފާޢުކޮށްދެއްވައި ދުޅަހެޔޮކޮށް ދެއްވުމެވެ. އަދި މީގެ މާނަ ފުޅާވެގެންވެއެވެ. (އިތުރު ތަފްޞީލަށް: މަޞްދަރު)
އަދި އައްތިރުމިޛީ އާއި އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: މުޢާޛް ބްނު ރިފާޢާ އެކަލޭގެފާނުގެ ބައްޕަ އަރިހުން ރިވާކުރެއްވިއެވެ: އަބޫ ބަކުރު އައްޞިއްދީޤު މިންބަރު މައްޗަށް އަރައިވަޑައިގެންނެވިއެވެ. ދެން ކީރިތި ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ހިޖުރައިން ފުރަތަމަ އަހަރު ތެރޭގައި، މިންބަރު މައްޗަށް އަރައިވަޑައިގެންނެވިއެއެވެ. ދެން ކީރިތި ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: «سَلُوا اللَّهَ الْعَفْوَ وَالْعَافِيَةَ فَإِنَّ أَحَدًا لَمْ يُعْطَ بَعْدَ الْيَقِينِ خَيْرًا مِنَ الْعَافِيَةِ» ”ޢަފޫ ކުރެއްވުމަށާއި ޢާފިޔަތަށް ތިޔަބައިމީހުން ﷲ ޙަޟުރަތުން އެދޭށެވެ. ފަހެ ހަމަކަށަވަރުން (އީމާންކަމުގެ) ކަށަވަރަށްފަހު، ޢާފިޔަތަށް ވުރެ ހެޔޮ އެއްވެސް އެއްޗެއް ތިޔަބައިމިހުން ތެރެއިން އެކަކަށް ވެސް ދެއްވެވިފައި ނުވެއެވެ.“
އައްތިރުމިޛީ ވިދާޅުވިއެވެ: "މީގެ ސަނަދު ޙަސަން ޣަރީބެވެ." މުސްނަދުގެ ތަޚްރީޖުގައި އަލްއަރްނައޫޠު ވިދާޅުވިއެވެ: މީގެ ސަނަދު ޙަސަން އެވެ.
🔻 ހުވަނދުން ރޯދަގެއްލޭނެހެއްޔެވެ؟
ހުވަނދު (ޢަޠަރު) އަކީ ރޯދަގެއްލޭ އެއްޗެއް ނޫނެވެ. އަދި އޭގައި މަކުރޫހައެއްވެސް ނެތެވެ. އެހެނީ އެއީ ހަމްދުހުރިކަމެކެވެ. ރޯދަވެރިޔާއަށްވެސް އެވެ.
🔻 ބަޚޫރު އިން ރޯދަގެއްލޭނެހެއްޔެވެ؟
ބަޚޫރުން (ދުންކެވުމަކީ) ރޯދަ ގެއްލޭކަމެއް ނޫނެވެ. މަނައުވެގެންވަނީ ބަޚޫރު ނޭވަޔަށް (ދުންބޯފަދައިން) ދެމުމެވެ.
~ގަލަންދާނު #ރޯދަ_ފަތުވާ
އައްޝެއިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން
📚
ސުވާލު: ރަމަޟާން މަހުގެ ފަހު ދިހައިގާ ޞަދަގާތް ދިނުންތޯ ނޫނީ އެދުވަސްތަކުގެ ރޭތައް ނަމާދާއި ޛިކުރުގައި ހޭދަކުރުންތޯ މޮޅުއިތުރުވެގެންވަނީ؟
ޖަވާބު:
އެންމެހާ ޙަމްދެއް ވަނީ الله އެށެވެ.
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހުން ރަމަޟާން މަހުގެ ފަހުދިހަ އިހްޔާ ކުރުމުގެ މައްޗަށް ރިވާވެފައިވަނީ އޭގައި ނަމާދުކޮށް ޛިކުރު ކުރުމުގެ މައްޗަށެވެ.
ރޯދަމަހު ޞަދަޤާތް ކުރުން އެހެން މަސްތަކަށްވުރެ ހެޔޮވެގެންވެއެވެ. އެހެނަސް ފަހުދިހައިގާ "ޞަދަޤާތް ދިނުން" ވަކިން ޚާއްޞަކޮށް މޮޅުއިތުރުކަމަށް އަހަރެމެންނަށް އެއްވެސް އެއްޗެއް ސުންނަތުން އެނގޭކަށްނެތެވެ.
އެހެނަސް އިލްމުވެރިން ހެޔޮޢަމަލުތައް މާތް ވަޤުތު ތަކުގައި ކުރުން ހެޔޮވެގެންވާކަމަށް ވިދާޅުވެއެވެ. އަދި އެއްވެސް ޝައްކެތްނެތް ގޮތުގައި ރަމަޟާން މަހުގެ ފަހުދިހަޔަކީ އެހެން އެންމެހާ ރޭތަކަށްވުރެ މޮޅުއިތުރު ރޭތަކެކެވެ. އެހެނީ ލައިލަތުލް ޤަދުރި ވަނީ އެރޭތަކުގެ ތެރެއިން ރެއެއްގައިކަމެވެ. އެއީ އެއްހާސް މައްސަރަށްވުރެ މޮޅުއިތުރު ރެއެކެވެ.
ކޮންމެއަކަސް، މުސްލިމުންގެ މައްޗަށް ޝަރުޢުވެގެންވަނީ މުޅި ރޯދަމަހުގެ ތެރޭގައި ގިނަގިނަކޮށް ޞަދަޤާތް ދިނުމަށެވެ. "ނަބީ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތިވަންތަ ބޭފުޅާއަށެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެލެއްވީ ރަމަޟާން މަހުގައެވެ." މިއީ އަލް ބުޚާރީ 6 އަދި މުސްލިމް 2308 ގައި (އިބްނު ޢައްބާސް ގެ އަރިހުން) ރިވާވެފައިވާ ފަދައިންނެވެ.
އަދި الله މޮޅަށް ދެނެވޮޑިގެން ވެއެވެ.(1)
ނޯޓް:
الله އަށް ކުއްތަންވެވޭ ހެޔޮ ޢަމަލުތައް ގިނަކުރުން ރަމަޟާން މަހުގައިވެއެވެ. އަދި އޭގެ ފަހުދިހައިގެ ރޭތައް އެހެން އެންމެހާ ރެއަކަށްވުރެ މޮޅުއިތުރެވެ. ޞަދަޤާތާއި އެނޫން ޢަމަލުތަކުގައެވެ. އަދިއެހެނަސް ޞަދަޤާތަކީ ފަހު ދިހައިގައި ދިނުން ވަކި ޚާއްޞަ އަދި މޮޅުއިތުރު އެއްޗެއްކަމަށް ނޫނީ ވަކި މިވެނި އަދަދެއް ދިނުން މޮޅުއިތުރުކަމަށް ކަނޑައެޅުމަކީ ސުންނަތާއި ޚިލާފުކަމެކެވެ. މިހެން ކަނޑަ ނާޅައި އެފަދަ އެންމެހާ ހެޔޮޢަމަލެއް، ޞަދަޤާތް ދެވޭނެމީހާ ޞަދަޤާތް ދީ ހެދުމަކީ ކުއްތަންވުމުގެ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ހެޔޮކަންކަމެވެ.
އަދި ނަބިއްޔާ ﷺ ލައިލަތުލް ޤަދުރި ވިލާރެޔަށް ބާރުއަޅުއްވާފައިވަނީ ރޭއަޅުކަމަށެވެ. ޙަދީޘް ކުރެއްވިއެވެ: { مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ } "އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ލައިލަތުލް ޤަދުރި ވިލޭރޭ ޤިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ."
އަދި މީގެ ތެރޭގައި ޤުރުއާން ތިލާވަތް ކުރުމާއި ދުޢާ އާއި ނަމާދު އެކުލެވެއެވެ. އެހެންކަމުން އެރޭގައި ޤިޔާމަށް ވުރެ މޮޅު އިތުރު އެހެން އެއްވެސް ޢަމަލެއް ނުވެއެވެ.
📌ފައިދާއެއް
ޢައިޝާ އަރިހުން އަލްބުޚާރީ އަދި މުސްލިމް ރިވާކުރެއްވިއެވެ: "ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަމަޟާން މަހުގެ ފަހު ދިހައިގާ (މިސްކިތު) އިއުތިކާފުގައި ހުންނެވިއެވެ. އެއީ ﷲ عَزَّ وَجَلَّ އެކަލޭގެފާނު މަރުގެންމެވުމާއިހަމައަށެވެ. އެކަލޭގެފާނުގެ އަނބިއަނބިކަބަލުން އެކަލޭގެފާނަށްފަހު އެފަދައިން އިއުތިކާފު ކުރެއްވުމުގައި ދެމިތިއްބެވިއެވެ."
އިމާމް އައްޝަފިޢީ ވިދާޅުވިއެވެ: "ނަބިއްޔާގެ މިސާލަށް ތަބައުވެ ރޯދަމަހުގެ ފަހުދިހައަށް އިއުތިކާފުވުމަށް އެދިއްޖެ ކޮންމެ މީހެއް، އެކާވީސްވަނަ ދުވަހުގެ ރޭ އިރުއޮއްސުމުގެ ކުރިން މިސްކިތަށް ވަންނަހުއްޓެވެ."
_____
(1) އިސްލާމް ސުވާލާއި ޖަވާބު Islamqa ފަތުވާ ނަންބަރ. 37720
~ ގަލަންދާނު
🔻
”އަދި ޙައްޤު (ކަށަވަރީ) ޢިޖާބަ ވުމުގެ ވަޤުތަކީ ހުކުރު ދުވަހުގެ ޢަޞުރު ފަހުންވާ އެންމެ ފަހު ވަޤުތު ކަމެވެ. އެހެނީ، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާވެގެން ވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: (هي آخر ساعات النهار) ”އެއީ ދުވާލުގެ އެންމެ ފަހު ވަޤުތެވެ.“ އަދި މި ރިވާކުރެއްވީ އިބްނު މާޖާ، އަބުއް ނަޡްރު މެދުވެރިކޮށް، އަބޫ ސަލަމާ ފުށުން، ޢަބްދު اللّٰه ފުށުން، ނަބިއްޔާ ﷺ އަރިހުންނެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ބޭކަލުންނެވެ.“
~ އަލްޢުލްވާން
______________
މި މައުޟޫއުގެ ތަފްޞީލަށް (މިޕޯސްޓް) — ގަލަންދާާނު
#Archives | May 25, 2019
”ތަރާވީޙް ސުންނަތްވެގެންވަނީ ޢިޝާނަމާދާއި ވިދިގެންނެވެ.“
https://telegra.ph/Tarawees-Sunnai-vegenvanee-04-05
2/2
އައްޠަރީފީ ގެ ނަމާދާއި ބެހޭ ފޮތުގައި ވެއެވެ: "ސަލަފުންގެ ތެރެއިން އެއްވެސް ބޭފުޅެއް، ޞާހާބީންގެ ތެރެއިންވިޔަސް ނޫނީ ތާބިޢީންގެ ތެރެއިން ވިޔަސް ނޫނީ އެބޭފުޅުންނަށް ތަބައުވިބޭކަލުން ވިޔަސް، އަދި ހަތަރު އިމާމުން އަރިހުންވެސް - އަލްޤަބްޟި އަކީ (ހަށަން ބަނުމަކީ) ވާޖިބެއްކަމަށް ވިދާޅުވިކަމެއް އަހަރެންނަކަށް އެނގިފައެއްނެތެވެ."(6)
އަހަރެން ބުންމެވެ: މިހެން ކަމުން ހާޖަތަކަށްޓަކައި މިކަން ދޫކޮށް ލުމުގެ ހުއްދަ މާބޮޑެވެ. ބަޔެއް އަޚުން ބޮޑު ތަކުލީފާއިއެކު އެއްއަތުން މި އުފުލުން، ނޫނީ ނަމާދުގައި ޚުޝުއްވަތް ގެއްލިގެން ދާއިރުވެސް މުޞްޙަފާއިއެކު ހަށަން ބަންނަން މަސައްކަތް ކުރުމުގެ ތަކުލީފުވާކަމަކަށް އަހަރެން ނުދެކެމެވެ. الله أعلم.
މީގެ އިތުރުންވެސް، އިހުގެ ޢިލްމުވެރިންގެ ތެރެއިން މުޞްޙަފު ހިފުން މަކުރޫހަ ކަމަށް ވިދާޅުވިބޭފުޅުން އެހެންވިދާޅުވެފައިވަނީ، ހަށަން ބަނުމުގެ މައްޗަށް ވިދާޅުވެއެއް ނޫނެވެ. އެއީ އެހެންޏާ އެކަމަކީ އަހުލު ކިތާބީންގެ ގޮތެއްކަމާއި އެޔާ ޚިލާފުވުމަށެވެ. ނޫނީ އެކަމަކީ އިތުރު ޙަރަކާތެއްކަމަށް ވިދާޅުވެއެވެ. އަދި މިދެނުކުތާއަށްވެސް މިކަން ހުއްދަ ކުރެއްވި ޢިލްމިވެރިން ރައްދުދެއްވިއެވެ. އަދި ދެޞަޙީޙު ގައި ވާރިދުވެފައިވާ ފަދައިން ނަބިއްޔާ ﷺ އެކަލޭގެފާނުގެ ކާފަ ދަރިކަލުން، އުމާމާ، ނަންގަވައިގެން ނަމާދުކުރެއްވިއެވެ. އަދި ރުކޫޢުއަށް ވަޑައިގެންނެވުމަށް ތިރިކުރައްވައެވެ.(7) އަދި މުޞްޙަފު އުފުލުމަކީ މިއަށްވުރެ ކުޑަ ޙަރަކާތެކެވެ. އަދި ޙާއްޖަތެއްވާނަމަ އެހަރަކާތެއް ގެނައުން ޢިލްމިވެރިން ހުއްދަކުރައްވައެވެ.
އައްނަވަވީ ވިދާޅުވިއެވެ: "މުޞްޙަފުން ޤުރުއާން ކިޔެވިޔަސް ނަމާދެއް ބާޠިލެއްނުވާނެއެވެ. އެއީ ހިތުދަސް މީހެއް ވިޔަސް އަދި ނޫނަސް އެވެ. އަދި ކިއެއްހެއްޔެވެ؟ އޭނާ އަށް އަލްފާތިޙާ ސޫރަތް ނޭގޭ ނަމަ އޭނާގެ މައްޗަށް މިކަން ވާޖިބުވެގެންވެއެވެ. އަދި ބޭނުންޖެހުމުން ނަމާދު ތެރޭ އޭގެ ގަނޑުއުކިޔަސް (ނަމާދެއް) ބާޠިލެއްނުވާނެއެވެ. ... މިއީ (އެބަހީ: ނަމާދު ބާޠިލުނުވާނެކަމީ) އަހަރެމެންގެ (ޝާފިޢީންގެ) މަޛުހަބެވެ. އަދި މާލިކުގެ ވެސް އެވެ. އަދި (އަބޫ ޙަނީފާގެ އެންމެ އިސް ދެ ދަރިވަރުން) އަބޫ ޔޫސުފް އާއި މުޙައްމަދުގެ މަޛުހަބެވެ. އަދި އަޙްމަދުގެވެސް އެވެ."(8)
____
(6) "المجموع" (4/27) بتصرف
(7) البخاري (494) ومسلم (543)
(8) ޞިއްފަތު ޞަލާތިއް ނަބިއްޔި ޞ. 96 ، އަދި އުއްމީދަކީ މި ނުކުތާގެ އިތުރު ތަފްޞީލާއި އެނޫން ފިޤުހުތައް، މިފޮތުގެ ތަރުޖަމާ ފުރިހަމަކުރުމަށް ﷲ ތައުފީޤުދެއްވައިފިނަމަ ހުށަހެޅުމެވެ. އިންޝާ ﷲ.
ނޯޓް: ރަމަޟާން މަސް ދެބައިވެއްޖެއެވެ.
އިހު ބަޔާން ކޮށްފައިވާ ފަދައިން(1) ވިތުރީގައި ޤުނޫތު ކިޔުން އަޞްޙާބު ބޭކަލުން އަރިހުން ވަނީ ރަމަޟާން މަސް ދެބައިވުމަށް ފަހު ޘާބިތުވެފައެވެ.
މުޞްޙަފް ހިފައިގެން ނަމާދު ކުރުމުގެ ހުއްދަ(2) އިގެ ދަށުން ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން، ޤުނޫތު ކިޔުމުގައި ގަނޑެއް ހިފައިގެން އެޔަށް ބަލައިގެން ކިޔުން ހުއްދަކުރައްވައެވެ. އަދި މިއީ ސުލައިމާން އަލް ޢަލްވާންގެ ވެސް ފަތުވާއެވެ.
~ ގަލަންދާން
__________
(1) ގަަލަންދާނު ޕޯސްޓް 279
(2) ގަަލަންދާނު ޕޯސްޓް 516
📚 ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ.
އިބްނު ޢައްބާސް رضي الله عنهما އަރިހުން ޔަމަނުގެ އަހުލުންހެ ގާތަށް މުޢާޛު رضي الله عنه ފޮނުއްވެވުނު ޙާދިޘާގައި ރިވާވެގެންވެވެ:
ނަބިއްޔާ ﷺ މުޢާޛު رضي الله عنه އަށް ޙަދީޘް ކުރެއްވިކަމަށެވެ:
{ أَعْلِمْهُمْ أَنَّ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ فِي فُقَرَائِهِمْ }
"އެވެރިންނަށް އަންގާށެވެ: ހަމަކަށަވަރުން އެވެރިންގެ މައްޗަށް އައްޞަދަޤާ (ޒަކާތް) ވެއެވެ. އެވެރިންގެ ތެރެއިން މުއްސަނދީންގެ އަތުން އެނެގެވި އެވެރިންގެ ފަޤީރުންނަށް އެރައްދުކުރެވެއެވެ."
މީގެ ޝަރަހައިގައި، އައްނަވަވީ ވިދާޅުވިއެވެ: "ޒަކާތުން އެއްވެސް އެއްޗެއް ކާފަރަކަށް ދިނުން ހުއްދަވެގެން ނުވެއެވެ. ފިޠުރު ޒަކާން ނޫނީ މުދަލު ޒަކާތް ކަމުގައި ވިޔަސް އެވެ. މިކަމުގައި އަހަރެމެން ތެރެއަކު ޚިލާފެއް ނުވެއެވެ. އިބްނުލް މުންޛިރު (މުސްލިމުންގެ ޒިންމާގެ ދަށުގައި ޖިޒިޔަ ދައްކައިގެން ތިބޭ ޛިއްމީ ކާފަރުންނާއި މެދު) ވިދާޅުވިއެވެ: ޛިއްމީންނަށް މުދަލު ޒަކާތް ދިނުން ހުއްދަވެގެން ނުވާ ކަމަށް މުޅި އުއްމަތް ވަނީ އިޖުމާޢުވެފައެވެ. އަދި ފިޠުރު ޒަކާތުގައި އިޚްތިލާފުވިއެވެ. އެހެންކަމުން އަބޫ ޙަނީފާ އެ ހުއްދަކުރެއްވިއެވެ. ...އަދި މާލިކު އާއި އައްލައިޘް އާއި އަޙްމަދު އަދި އަބޫ ޘަޥްރު ވިދާޅުވިއެވެ: "އެވެރިންނަށް (ޛިއްމީންނަށް) އެދިނުމެއް ނުވެއެވެ. "(1)
ޝެއިޚުލް އިސްލާމް ވިދާޅުވިއެވެ:
الله އަށް ކިޔަމަންތެރިކަމުގައި އެހޭދަނުކުރާނޭ މީހަކަށް ޒަކާތް ދިނުމެއް ނުވެއެވެ. އެހެނީ، ހަމަކަށަވަރުން الله تعالى އެ ފަރުޟު ކުރެއްވީ އެއިލާހަށް ކިޔަމަންގަތުމުގައި މަދަދަކަށް، އެއަށް ބޭނުންޖެހިފައިވާ މުއުމިނުން ތެރެއިން މީހުންނަށެވެ. އެއީ ފަޤީރުންނާއި (މިނިވަންވުމަށް ލިޔެވި މަސައްކަތް ކުރަމުންދާ) އަޅުންނަށެވެ. އަދި މުއުމިނުންނަށް މަދަދު ދޭމީހުންނާށެވެ. އެހެންކަމުން އެއަށް ބޭނުންޖެހިފައިވާ މީހުން ތެރެއިން ވިޔަސް، (މިސާލަކަށް) ނަމާދު ނުކުރާ މީހާ، އޭނާއަށް އެއްވެސް އެއްޗެއް - ތަޥްބާވެ ނަމާދު އަދާއު ކުރުމުގައި ލާޒިމް ވެއްޖައުމަށް ދާންދެން - ދިނުމެއް ނުވެއެވެ." (2)
___________
(1) އަލްމަޖްމޫޢު 6/221
(2) އަލްފަތާވާ އަލްކުބްރާ 4/456
📚 ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟
ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ، ޢީދު ދުވަހުގެ އެއްދުވަސް އަދި ދެދުވަސް ކުރިން ޒަކާތް ނެރުން ހުއްދަކަމެވެ. އަދި މިއީ މާލިކީން ގެ ބަސްފުޅެވެ. އަދި ޙަންބަލީންވެސް މިއަށް އެއްބެސް ވެލެއްވިއެވެ. އެއީ މިކަމުގެ މައްޗަށް އަލްބުޚާރީ ރިވާކުރައްވާފައިވާ، އިބްނު ޢުމަރުގެ ބަސްފުޅުގެ މައްޗަށެވެ. އަދި ޝާފިޢީންވެސް މިރައުޔު ނެންގެވިއެވެ. އަދި 3 ދުވަސް ކަމަށްވެސް ވިދާޅުވެއެވެ. އެއީ "އަލްމުދައްވަނާ" ގައި މާލިކު، ނާފިޢު އަރިހުން، އިބްނު ޢުމަރު ޒަކާތް ބަހާ މީހުންނަށް އޭގެ ދެތިން ދުވަސް ކުރިން ދެއްވާކަމަށް އައިސްފައިވާ ބަސްފުޅުގެ މައްޗަށެވެ.
ޖުމްހޫރުންނާއި ޚިލާފަށް، ޙަނަފީންގެ ޤައުލަކީ، ރޯދަމަސް ފެށުމާއި އެކު ޒަކާތް ނެރެވިދާނޭކަމެވެ. އަދި މިކަން ބިނާ ކުރައްވަނީ، ޒަކާތް ނެރުން މިވަނީ ރޯދައިގެ ސަބަބުން ކަމަށްވާތީއެވެ.
އަދި މިކަމުގައި ރާޖިހު ވެގެންވަނީ ޖުމްހޫރުން ގެ ބަސް ފުޅެވެ. އެއީ އެކެއް ނުވަތަ ދެދުވަސް (ނުވަތަ ގިނަވެގެން ތިން ދުވަސް) ކުރިން ނެރުން ހުއްދަވުމެވެ.
އިބްނު ޤުދާމާ (އަލްމުޣްނީ 2 / 676) ގައި ވިދާޅުވިއެވެ: "އެވާޖިބުވާ ސަބަބަކީ ފިޠުރު އެވެ. (ރޯދަ ނިމުމެވެ.) އެ ނަންގަނެވިފައިވަނީ މިއާއި ވިދިގެން ކަމީ މިކަމުގެ ދަލީލެކެވެ. އަދި މަޤްޞަދަކީ، ފަޤީރުން ވަކި ވަޤުތެއްގައި ޙާއްޖަތަށް ޖެހުމުން މިންޖުކޮށް ދިނުމެވެ. އެހެންކަމުން އެވަޤުތުގެ ކުރިން އެނެރުން ހުއްދައެއް ނޫނެވެ."(1)
__________
(1) އިތުރަށް ބައްލަވާ
➍ « ފިތުރު ޒަކާތް ނަގުދު ފައިސާއިން ނެރެވިދާނެތޯ؟ »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
Allahge thaarafeh. (Allahge tasahvareh beynunva meeha adu assalahva)
https://www.youtube.com/watch?v=DtdFUjHJVE4
📚 ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ.
ހ.
އިންސާނާ އަމިއްލައަށް އޭނާގެ ފިތުރު ޒަކާތް ބެހުމީ މޮޅު އިތުރު ގޮތެވެ. އައްޝާފިޢި ވިދާޅުވިއެވެ: "އެބެހުމަށް އެއްކުރާ ފަރާތަކާއި ހަވާލުކުރުމަށްވުރެ އަހަރެން ޚިޔާރުކުރަނީ އަމިއްލަޔަށް ފިތުރު ޒަކާތް ބެހުމަށެވެ. "
އައްނަވަވީ "އަލްމުޖްމިޢު" ގައި ވިދާޅުވިއެވެ: "އައްޝާފިޢީ "އަލްމުޚްތަޞިރް" ގައި ވިދާޅުވިއެވެ: "ފިތުރު ޒަކާތް ބެހެވުން ވަނީ މުދަލު ޒަކާތްވެސް ބެހޭ މީހުންނަށެވެ. އަހަރެން ލޯބިކުރަކީ އަހަރެން ހޭދަކުރަން ލާޒިމުނުވާ ގާތްތިމާގެ މީހުންނަށް އެބެހުމަށެވެ." އަދި ވިދާޅުވިއެވެ: "އެބެހުމަށް އެއްކުރާ މީހަކާއި ހަވާލު ކުރުމަށް އެދޭނަމަ، އެކަން އެމީހަކަށް ހުއްދައެވެ - إنْ شَاءَ اللَّهُ تَعَالَى. އަދި މޮޅު އިތުރީ އަމިއްލަޔަށް ފިޠުރު ޒަކާތް ބެހުމެވެ. އޭނާ (މުސްލިމުންގެ) އިމާމް އަށް ނޫނީ އެއެއްކުރާ ފަރާތް ނޫނީ މީސްތަކުންނަށްޓަކައި ބަހައިހެދުމަށް އެއްކުރާފަރާތަކާއި ހަވާލުކޮށް، އޭނާގެ ބައި ބެހުމަށް އިޛުނަ ދިނުމުގައި މައްސަލައެއް ނެތެވެ. އެހެނަސް އޭނާ އަމިއްލައަށް އެބެހުން، މިއެންމެހާ ގޮތަކަށް ވުރެ މޮޅުއިތުރެވެ."
ށ.
އަދި އިތުބާރު ހިފޭ މީހެއް އެކަން ކުރުމަށް ތިމާ ފަރާތުން ވަކީލެއް ގޮތުގައި ހަމަޖެއްސުން ހުއްދައެވެ. އިތުބާރެއް ނެތްނަމަ ހުއްދައެއް ނޫނެވެ.
ޢަބްދު اللَّهِ ބުނު އަލް މުއައްމަލް ވިދާޅުވިއެވެ: އަހަރެން އިބްނު އަބީ މުލައިކާ އަރިހުން އަޑުއެހީމެވެ. އަދި މީހަކު އެކަލޭގެފާނު ގާތުގައި ބުންޏެވެ: "ފިޠުރު ޒަކާތް މިސްކިތުގައި ދޫކުޅައުމަށް 'މިވެނި މީހެއް' އަހަންނަށް އަމުރުކޮށްފިއެވެ." އިބްނު އަބީ މުލައިކާ ވިދާޅުވިއެވެ: ތިބާއަށް ފަތުވާ ދިނީ ރައުޔެއް ނެތް ޢިލްޖެއް ހެއްޔެވެ؟ (އަމިއްލަޔަށް) އެ ބަހާށެވެ. އެހެނީ ހަމަކަށަވަރުން، (މިސްކިތުގައި އެ އެއްކުރުމަށް ހަވާލުވެ ހުރި ސަރުދާރު) އިބްނު ޙިޝާމް އެބަހާނީ އޭނާގެ ސިފައިންނާއި އެނާ އެދޭމީހަކަށެވެ. (އެބަހީ، އެޔަށް ޙައްޤު ނޫން މީހުންނަށެވެ.)(1)
ނ.
އިމާމް އަޙްމަދު ވިދާޅުވިގޮތުން، (ކޮންމެ ފަރުދެއް މައްޗަށް ނެރެން ވާޖިބު ޒަކާތުގެ މިންވަރު) 1 ޞާޢު، ބައިވަރު މީހުންގެ ޖަމާޢަތަކަށް (ބައިކޮށްފައި) ބަހާލެވިދާނެއެވެ. އަދި ބައިވަރު ޞާޢު ތަކެއް (މިސާލަކަށް އެއް އާއިލާގެ ޒަކާތް އެއްކޮށް) އެންމެ ފަރުދަކަށްވެސް ދެވިދާނެއެވެ.
އަދި މާލިކު ވިދާޅުވިއެވެ: "މީހެއް އެނާގެ އަދި އެނާގެ ޢާއިލާގެ ފިޠުރު ޒަކާތް އެއް މިސްކީނަކަށް ދިނުމުގައި މައްސަލައެއް ނެތެވެ."(2)
(ޒަކާތުގެ މިންވަރު) އެއް ޞާޢު އަކަށް ވުރެ މަދުން ފަޤީރަކަށް ދޭނަމަ، އެވާހަކަ އޭނާކައިރީ ބުނަންޖެހޭމެއެވެ. އެހެނީ ފަޤީރު މީހާ އޭނާގެ އަމިއްލަ ޒަކާތަށް އޭތި ނެރެފާނެތީއެވެ.
އަދި ފަޤީރަކަށް މީހަކު ފިޠުރު ޒަކާތް ދީފިނަމަ، އަދި އޭނާއަށް ބޭނުންވާ ޙާއްޖަތަށްވުރެ އިތުރު ވެއްޖެނަމަ، އޭނާގެ އަމިއްލަ ނަފްސަށް ނޫނީ ޒިންމާ ވާ ފަރާތެއްގެ މައްޗަށް ފިޠުރު ޒަކާތް ގޮތުގައި އެނެރުން ހުއްދައެވެ. އެއީ އެބައި (ފިޠުރު ޒަކާތަށް) ފުދިގެންވާނަމައެވެ.
_____
(1) الأم : باب ضيعة زكاة الفطر قبل قسمها .
(2) المدونة ج1 باب في قسم زكاة الفطر
*އިތުރު ތަފްޞީލަށް އިސްލާމަ ސުވާލާއި ޖަވާބުގެ މިލުޔުން (ޢަރަބި) ބައްލަވާ.
ވާޖިބު ރޯދަ ހިފުމާއި ނުހިފުމުގެ މައްޗަށް ވަކިގޮތެއް ނުނިއްމައި ހުރެއްޖެ މީހާ
ވާޖިބު ރޯދަޔެއް ހިފާނެތޯ ނުހިފާނެތޯ އާއި މެދު ދެއަތަށް ކިރިކިރި ހުރެ، އެގޮތުގައި ނިދައިފިމީހެއް، އަނެއް ދުވަހު އޭނާ ރޯދައަށް ހުރެއްޖެނަމަ އެރޯދަ ޞައްޙަވެގެންނެއް ނުވެއެވެ. އަދި އޭނާގެ މައްޗަށްވަނީ އެރޯދަ އަލުން ޤަޟާއު ކުރުމެވެ. އަދި މިއީ މަޛްހަބުތަކުގެ ތެރެއިން ޖުމްހޫރު ޤައުލެވެ. މާލިކީން(1) ނާއި ޝާފިޢީން(2) ނާއި ޙަންބަލީން(3) ގެއެވެ. އަދި މިއީ ޙަނަފީންގެ ތެރެއިންވެސް ބަޔެއް ބޭފުޅުންގެ ޤައުލެވެ.(4)
އެހެނީ މިއީ ރޯދަ ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠަކާއި ޚިލާފުވާ ކަމެކެވެ. އެއީ ނިޔަތެވެ. ނިޔަތަކީ، ކަމެއް ކުރުމަށް ހިތުގެ އަޑީގައި ކަނޑައެޅުމެވެ. އަދި ދެއަތަށް ކިރުން، މިކަން ނަފީކޮށްލައެވެ. އަދި މިޝަރުޠު ގެއްލިދާ ކޮންމެ ހިނދެއްގައި ރޯތަ ފަސާދަވެއެވެ. އަދި ޤަޟާއު ކުރުން ވާޖިބުވެއެވެ.(5)
___________
1 -((حاشية الدسوقي)) (1/520).
2 - قال النووي: (لو عَقَّبَ النيَّةَ بقوله: إن شاء اللهُ، بقلْبِه أو بلسانِه، فإن قصَدَ التبرُّكَ أو وقوعَ الصَّومِ وبقاءَ الحياةِ إلى تمامِه بمشيئةِ الله تعالى لم يَضُرَّه، وإن قصَدَ تعليقَه والشَّكَّ لم يصِحَّ صَومُه، هذا هو المذهَبُ، وبه قطَعَ المُحَقِّقونَ) ((المجموع)) (6/298)، ويُنظر: ((مغني المحتاج)) للشربيني (1/425).
3 - قال الحجَّاوي: (ومن قال أنا صائم غدًا إن شاء الله: فإن قصَدَ بالمشيئةِ الشَّكَّ والتردُّدَ في العَزمِ والقصد، فسَدَتْ نيَّتُه وإلَّا لم تفسُدْ؛ إذ قَصْدُه أنَّ فِعلَه للصَّومِ بمشيئةِ اللهِ وتَوفيقِه وتيسيرِه) ((الإقناع)) للحجاوي (1/309).
4 - قال الزيلعي: (وفي جوامِعِ الفِقهِ إذا قال: نويتُ أن أصومَ غدًا إن شاء الله تعالى؛ صَحَّت نيتُه؛ لأنَّ النيَّةَ عَمَلُ القلب دون اللِّسانِ، فلا يَعمَل فيه الاستثناءُ، وفي الذخيرة ذكَرَ شمس الأئمة الحلواني أنَّه لا رواية لهذه المسألة، وفيها قياسٌ واستحسانٌ؛ القياس: أن لا يصيرَ صائمًا، كالطَّلاق والعِتاقِ والبيع، وفي الاستحسان: يصيرُ صائمًا؛ لأنَّه لا يرادُ الإبطالُ بل هو للاستعانةِ، وطلبًا للتَّوفيقِ) ((تبيين الحقائق)) (1/316).
5 - (( الشرح الممتع)) لابن عُثيمين (6/358).
📌 މި ދުޢާ ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ ...؟
ޖަވާބު:
الحمد لله އަދި އަހަރެމެން ވާތްގަށް އެދެނީ އެއިލާހު ޙަޟުރަތުންނެވެ.
ޢާއިޝާ رضي الله عنها ގެ ޙަދީޘް، އެކަމަނާ ވިދާޅުވިއޭ: ތިމަންކަމަނާ ދެންނެވީމެވެ : އޭ ﷲގެ ރަސޫލެވެ! ލައިލަތުލް ޤަދްރި ރެޔަކީ ކޮންރެޔެއްކަން ތިމަންކަމަނާއަށް އެނގިއްޖެ ނަމަ، އެރޭގައި ކިޔަންވީ ކޮންއެއްޗެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: ކަމަނާ ވިދާޅުވާށެވެ : «اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّي» (އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!)
ރިވާކުރެއްވީ އައްތިރުމިޛީ އަދި އައްނަސާއީއެވެ. އަދި (އައްނަސާއީ) ވިދާޅުވިއެވެ: ”މިރިވާޔަތް މުރްސަލް އެވެ. (ރިވާކުރެއްވުނު ގާތުން އަޑު އެހި މީހާ ސަނަދުގައި ނެތެވެ). އަދި މީގައިވާ ބަލިކަށި ކަމަކީ، ޢާއިޝާ އަރިހުން އިބްނު ބުރައިދާ އަޑު އަހާފައި ނެތުމެވެ. މިފަދައިން އައްދާރަޤުޠުނީ ވިދާޅުވިއެވެ. އަދި އަލްބައިހާޤީ އެއަށް ތަބައުވެލެއްވިއެވެ. އަދި އިބްނު ޢަބްދުލް ހާދީ ވިދާޅުވިއެވެ: މިޙަދީޘް އާއިމެދު ދެބަސްވުން ވެއެވެ.“
އަދި އެއީ (މިރިވާޔަތް ޞައްޙަ ކަމަށް ވިދާޅުވި) އަލްޙާކިމް އަށްދެއްވި ރައްދެކެވެ. އަދި މިއީ އެޙަދީޘް ގައި ބަލިކަށިކަން އެކުލެވޭ ކަމުގެ އިޝާރާތެކެވެ. އަދި (ސަނަދުގައި) މެދުކެނޑުން ވާކަން އޭގެ ބަލިކަށިވުމަކަށް ފުދެއެވެ!
އަދި ޢާއިޝާ ގެ ޙަދީޘް ގެ (އެހެން) ލަފްޠެއް ގައި ވެއެވެ: «اللَّهُم إِنك عفُوٌّ كَريم تُحب العَفو، فَاعفُ عنّي» ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އަދި މީގައި މިވާ އިތުރު ތަންކޮޅު «كَرِيم» މިއީ އޭގެ އެއްވެސް އަޞްލެއް ޢާއިޝާގެ ޙަދީޘް ގައިނުވާ އިތުރުކުރުމެކެވެ: އެހެނީ އައްތިރުމިޛީ ގެ (ސުނަން ފޮތުގެ ކޮޕީ ތަކުގެތެރެއިން) އަލްކަރޫޚީ ލިޔުއްވުމުގެ ކޮޕީ ގައި މިއެއް ނުވެއެވެ. އަދި އެއީ އައްތިރުމިޛީ ގެ ކޮޕީ ތަކުގެތެރެއިން އެންމެ ޞައްޙަކަން ބޮޑު ކޮޕީއެވެ.
އަދި މިޙަދީޘް އައްތިރުމިޛީ ވަނީ ޞައްޙަ ކުރައްވާފައެވެ. އަދި ވިދާޅުވިއެވެ: ”މިޙަދީޘް ޙަސަން ޞަޙީޙް އެވެ.“ އަދި ހަމަ އެފަދައިން އަލްޙާކިމް ވެސް މިޙަދީޘް ޞައްޙަ ކުރެއްވިއެވެ. އަދި އައްނަވަވީ އާއި އެނޫން ބޭކަލުން އެބޭކަލުންނަށް ތަބަޢަވެ ލެއްވެވިއެވެ.
އަލްއިމާމް އައްދާރަޤުޠުނީ ވަނީ ޢާއިޝާ އަރިހުން ސުލައިމާން ބުނު ބުރައިދާ އަޑުއިވުމެއް ނުވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޢާއިޝާ އަރިހުން ޢަބްދު ﷲ ބުނު ބުރައިދާ އަޑު އަހާފައި ނުވެއެވެ. އެހެންކަމަށް ވަނީނަމަ، މިޙަދީޘް (ސަނަދު މެދުކެނޑުމެއްނެތި) ގުޅިފައިވާ ކަމަށް ޙުކުމް ކުރެވުނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ދެން މިއާއިއެކު، (އެބޭފުޅުންނެއް ނެތި) އެކަމަނާ އަރިހުން އަޑު އަހާފައި ނުވާ ޢަބްދު ﷲ ބުނު ބުރައިދާ މީގައި އައުމަށް ޢާއިޝާގެ އަޞްޙާބުންނާއި ދަރިވަރުން ކޮބައިހެއްޔެވެ؟ ޢުރުވަތު ބުނުއް ޒުބައިރު އާއި، އަލްޤާސިމް އާއި މަސްރޫޤު އާއި ޢިމްރާ ކޮބައިހެއްޔެވެ؟
އަދި މިއީ ލައިލަތުލް ޤަދްރި ރެޔާއި މެދު އައިސްފައިވާ ޚާއްޞަ ޙުކުމަކަށް ވާއިރު، އެއަކަށް މުޅި އުއްމަތް ބޭނުންޖެހޭނޭ އެއްޗަކަށް ވާއިރު، ޢަބްދު ﷲ ބުނު ބުރައިދާ ނޫން ބޭފުޅެއް މިރިވާކުރައްްވާފައި ނުވެއެވެ.
◄ އަދި ޞައްޙަ އަދި ރައްކައިތެރިކަމާއި އެކު އައިސްފައިވާ އެއްޗަކީ:
އެއީ ޢާއިޝާ رضي الله عنها ބަސްފުޅު، އެކަމަނާ ވިދާޅުވިއޭ: ”ލައިލަތުލް ޤަދްރި ވިލޭރެޔަކީ ކޮބައިކަން ތިމަންކަމަނާ އަށް އެނގިއްޖައީހީ ނަމަ، ﷲ ޙަޟުރަތުން ޢާފިޔަތަށް ނޫން ކަމަކަށް ތިމަންކަމަނާ އެރޭގައި ނުދަންނަވާހުށީމެވެ.“⁽¹⁾
ރިވާކުރެއްވީ އިބްނު އަބީ ޝައިބާ އާއި އަލްބައިހަޤީ، އޭގެ އަސާސުގައި ޞައްޙަ ކޫފިއްޔު ސަނަދަކުންނެވެ. އެކަމަނާއަށް މަޥްޤޫފު ގޮތުގައެވެ.
އަދި ފަހެ، މީހަކު «اللَّهم إنك عفوٌ تحب العفو فاعْف عنّي» މިދުޢާ ބޭނުން ކޮށް ދުޢާ ކުރަނީ ނަމަ، އޭގައި މައްސަލައެއް ނެތެވެ. އެއީ ހަމަ ދުޢާ އެކެވެ. (އެހެނަސް ލައިލަތުލް ޤަދްރި ރެޔަށް ޚާއްޞަ ދުޢާއެއް ކަމުގައި ޘާބިތު ނޫނީއެވެ.)
والله تعالى أعلم.
حرر ٢١ /١٤٤٠/٨/ هـ.
އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު⁽²⁾ (މަޞްދަރު)
~ ގަލަންދާން
_____________
(1) މިދުޢާ ގެ ތަފްޞީލެއް އަހަރެމެން ވާނީ ކުރިން ގެނެސްދީފައިއެވެ. ބައްލަވާ: ޢާފިޔަތަށް އެދި ދުޢާ ކުރާށެވެ!
(2) މިޙަދީޘް ޟަޢީފު ކަމަށް ކަނޑަ އަޅުއްވާފައިވާ ފަހުގެ މުޙައްދިޘުން ތަކުގެ ތެރޭގައި:
(ހ) ސުލައިމާން އަލް-ޢަލްވާން
(ށ) ޢަބްދު ﷲ އައްސަޢްދު
(ނ) މާހިރް އަލް-ފަޙްލު
(ރ) މުޞްޠަފާ އަލް-ޢަދަވީ
(ބ) ޚާލިދު އަލް-ޙާޔަކް
(ޅ) ޢަބްދުލް ޢަޒީޒް އައްޠަރީފީ
(ކ) މުޤްބިލް އަލް-ވާދިޢީ
(އ) ޞާލިޙް އަލްޢަޞީމީ
އަދި އެނޫން ބޭކަލުން ހިމެނެއެވެ.
ހިއްވަރުކޮށްލާ...
އަބޫ ހުރައިރާ رضى الله عنه އަރިހުން، ދެޝެއިޚުން ރިވާކުރެއްވިއެވެ:
”ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
«مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»
”އީމާންކަމާއި އެކު، ދަރުމައާއި ޘަވާބަށް އެދި، ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަން އަދާކޮށްފި ކޮންމެ މީހަކަށް، އެމީހެއްގެ އިސްވެދިޔަ އެންމެހައި ފާފަތަކެއް ފުއްސެވިއްޖެއެވެ.“
(އަލްބުޚާރީ އަދި މުސްލިމް)
~ ގަލަންދާނު
އިސްތިޣްފާރު އިތުރުކުރޭ!
”....މައިންބަފައިންނަށް ޓަކައި އިސްތިޣްފާރު ކުރުމަކީ ވަފާތެރި ވުމުގެ ތެރެއިންވާ ކަމެކެވެ. އަދި ﷲ ވަފާތެރިން ދެކެ ލޯބިވެ ވޮޑިގެންވެ އެވެ. އަދި ތިބާ މައިންބަފައިންނަށް ރަޙުމްކުރެއްވުމަށް އެދި ދުޢާ ކުރާނަމަ، މިއީ އަލް-ބިއްރު، އެބަހީ، ކިޔަމަންގަތުމުގެ ތެރެއިންވާ ކަމެކެވެ. އަދި އަލް-ބިއްރަކީ ޖަންނަތަށް މަގުދައްކާ އެއްޗެކެވެ.
އެހެންކަމުން މިރޭތަކުގައި ކުރެވޭ މަތިވެރި ކަންކަމުގެ ތެރޭގައި ތިބާގެ އަމިއްލަ ނަފުސަށާއި މައިންބަފައިންނަށް، އަދި މުސްލިމުތަކުންނަށް އިސްތިޣްފާރު ކުރުން ހިމެނެއެވެ. އެހެނީ (މުސްލިމުތަކުންގެ) މަރުވެފައިވާ މީހުންނާއި ދިރިތިބީންނަށް ތިބާ އިސްތިޣްފާރު ކުރަނީ ނަމަ ﷲ އެއިން ކޮންމެ މީހަކަށް ޙަސަނާ އެއް ތިބާއަށް ލައްވަވައެވެ. އެހެނީ ތިބާތީ މުޙްސިން ނެކެވެ. އަދި ތިބާގެ މުސްލިމު އަޚުންނަށް ތެދުވެރި މީހެކެވެ. ވީމާ އިސްތިޣްފާރު ގިނަގުނަ ކުރާށެވެ...“
— އަހަރެމެންގެ ލޮބުވެތި ޝައިޚް، އަލްމުޙައްދިޘް ޑރ. މާހިރް ޔާސީން އަލްފަޙްލު (حفظه الله) ގެ ރަމަޟާންގެ ފަހު ދިހައެއްގެ ވަޞިއްޔަތުގެތެރެއިން.
~ ގަލަންދާނު
#Archives | May 25, 2019
”ތަރާވީޙް ސުންނަތްވެގެންވަނީ ޢިޝާނަމާދާއި ވިދިގެންނެވެ.“
https://telegra.ph/Tarawees-Sunnai-vegenvanee-04-05
📚 ތަރާވީހު ނޫނީ ދަމުނަމާދުގައި މުޞްޙަފު ހިފަހައްޓައިގެން ކިޔެވުމުގެ ޙުކުމް އަދި އެހިފަހައްޓަން ޖެހޭގޮތް
އިމާމް އަލް ބުޚަރީ އެކަލޭގެފާނުގެ ޞަޙީޙް ގައި ވިދާޅުވިއެވެ:
"ބާބު: އަޅެއް އަދި މިނިވަން ކުރެވިފައިވާ އަޅެއް އިމާމު ވުން: ޢާއިޝާ އެކަމަނާގެ އަޅު ޛަކްވާން މުޞްޙަފާއިގެން އިމާމުކުރެއްވެވިއެވެ..."(1)
އަދި މިއީ ސަނަދާއި ނުލައިވާ މުޢައްލަޤް ރިވާޔަތެކެވެ.
އެހެނަސް އިބްނު އަބޫ ދާވޫދު އެކަލޭގެފާނުގެ ފޮތް "އަލްމުޞާޙިފް" (2 / 657) ގައި މީގެ ސަނަދު ފުރިހަމަޔަށް ގެންނެވިއެވެ. (2)
އިބްނު ޙަޖަރު "ތަޣްލީޤް" ގައި ފުރިހަމަ ރިވާޔަތްތައް ގެންނެވުމަށްފަހު ވިދާޅުވިއެވެ: "އެއީ ޞައްޙަ އަޘަރެކެވެ."(3)
އިބްނު އަބީ ދާވޫދުގެ ރިވާޔަތާއި މެދު އަލްޢުލްވާން ވިދާޅުވިއެވެ: "އޭގެ ސަނަދު ޞައްޙައެވެ."
އަދި އިބްނު އަބީ ޝައިބާ އާއި އިބްނު އަބީ ދާވޫދުގެ އެހެންރިވާޔަތެއްގައި އިތުރަށް ވެއެވެ: "...(އެއީ) ރަމަޟާން މަހުގައެވެ."(4)
ޢިލްމުވެރިން ތެރެއިން ބޮޑު ބައިގަނޑެއްގެ ނަޒަރުގައި ސުންނަތް ނަމާދުތަކުގައި މުޞްޙަފު ހިފައިގެން ކިޔުން ހުއްދައެވެ. ފަރުޟު ނަމާދުގައި މިކަމުގެ ޙުކުމާއިމެދު ޚިލާފުވިއެވެ. އަދި އަހަރެމެންގެ މިލުޔުމުގެ ނުކުތާއަކީ ރަމަޟާން މަހުގެ ތަރާވީޙެވެ. އެހެންކަމުން މިނުކުތާއަށް ކުރުކޮށްލަމެވެ.
މުޞްޙަފް ހިފަހައްޓާނެ ގޮތް
ނަމާދުގައި މުޞްޙަފު ހިފަހައްޓާނޭ ގޮތެއް އިހު ބަޔާން ވެވުނު އެއްވެސް ރިވާޔަތެއްގައި އައިސްފައިނުވެއެވެ. ފަހުގެ ޢިލްމިވެރިންކުރެ މިކަމަށް ފަތުވާ ދެއްވި ބަޔެއް ޢިލްްމުވެރިން، އެއް އަތުން ހިފެހެއްޓޭނަމަ ހިފަހައްޓައިގެން ކިޔުމަށް އެހެން ނޫނީ ދެއަތުން ވެސް ހުއްދަކަމަށް ވިދާޅުވެއެވެ. އަދި ބަޔެއް ޠުއްލާބުން ކަނާއަތް އަތްތިލައިން ހިފަހައްޓައިގެން ހުރެ މޭމައްޗަށް ދެއަތް ގާތްކޮށް ހަށަން ބަނުމަށް ވިދާޅުވެއެވެ.
އަހަރެން ބުނަމެވެ: މިއީ އެބޭފުޅުންގެ އިޖުތިހާދެވެ. އަދި އަޞްލަކީ މުޞްޙަފު ހިފުމެވެ. އަދި މިކަމުގެ އިޚްތިޔާރު ތަނަވަސްވެގެންވެއެވެ. އަދި އެއް އަތުން ހަށަން ބަނދެ އަނެއް އަތުން މުޞްޙަފުގައި ހިފުމަކީ ލާޒިމުކަމެއް ނޫނެވެ.
މިއީ ސަބަބު ތަކަކަށްަޓަކައެވެ:
1. ހަށަން ބަނުމުގެ އަޞްލަކީ ވާތްމަތީ ކަނާތް ބޭއްވުމެވެ. އަދި ކަނާތު އަތްތިލައިން ވާތު އަތްތަނޑީގައި ހިފުމެވެ. އަދި ކަނާތު އަތްތިލައިން މުޞްޙަފު ހިފައި އަތްދަނޑި ގާތްކުރިޔަސް މިކަމެއް (ހަށަންބަނުމެއް) ފުރިހަމަޔެއް ނުވާނެއެވެ.
2. އެފަދައިން ފަތުވާ ދެއްވި ބޭފުޅުންގެ ނަޒަރުގައި ހަށަން ބަނުން ވަނީ މޭމަތީގައެވެ. އެހެންކަމުން އެހިސާބުގައި މުޞްޙަފު ހިފެހެއްޓިފައިވާނަމަ، ކިޔުމަށް އުދަގުލެއްނުވާނެއެވެ. އެހެނަސް މޭމަތީ ހަށަން ބަނުމުގެ ރިވާޔަތަކީ އޭގައި ޚިލާފުވާއެއްޗެކެވެ. އަދި ޖުމްހޫރު މަޒުހަބުތަކުގެ ރައުޔަކީ ފޫޅުން މައްޗެވެ. ނޫނީ އޭގެ ކުޑަތަންކޮޅެއް ތިރިއެވެ. އަދި އިމާމް އަޙުމަދު މޭމަތީ ބެންނެވުމަށް ނުރުއްސެވިއެވެ. މިއީ މިވަޤުތުގެ މައުޟޫކަމުގައި ނުވުމުން ކުރުކޮށްލަމެވެ.
ނުކުތާ އަކީ: މޭމަތީ ހަށަން ނުބައްނަ މީހަކަށް މުޞްޙަފު އެހެންޏާ ބަނޑުމަތީ ނޫނީ ފޫޅުންމަތީ ނުވަތަ އެހިސާބުގައި ބަހައްޓައިގެން ކިޔުމަކީ ނުކުޅަދާނަކަމެވެ. އަދި ވަކިން ޚާއްޞަކޮށް މުޞްޙަފު ހިފަން ޖެހޭނީ ޙަށަން ބަންނަގޮތަަށް އަތް ބައިންދައިގެން ކަމަށް އެއްވެސް އެއްޗެއް ވާރިދުވެފައިނުވާތީއެވެ.
3. ވާތް މަތީ ކަނާއަތް ބޭއްވުމަކީ މުއައްކަދާ-ނޫން ސުންނަތެކެވެ. އަދި މިއީ ގަސްތުގައި ދޫކޮށްލިޔަސް ނަމާދު ބާޠިލު ނުވާ ސުންނަތުގެ ތެރެއިންވާ ކަންކަމެވެ. (ހަންބަލީން ނަމާދު ބާޠިލުވާ "މުއައްކަދާ ސުންނަތް" ތަކަށް ކިޔަނީ "ވާޖިބު" ތަކޭ، އެއީ މިސާލަކަށް ފުރަތަމަ އައްތަހިއްޔާތާއި ރުކޫޢު ސަޖިދައިގެ ތަސްބީޙަ ތަކެވެ.)
"އެހެންކަމުން އަލްމުޢައްކަދާ ނޫން ސުންނަތްތައް، މިޘާލަކަށް، ހަށަންބަންނަ ތަކުބީރަށް އަތް އުފުލުން، އަދި ޤިޔާމްވެ ހުންނައިރު ވާތްމަތީ ކަނާއަތް ބޭއްވުން، އަދި ދުޢާއުލް އިސްތިފްތާޙު އަދި މިފަދަ ކަންކަމީ، ގަސްތުގައި ދޫކޮށްލިޔަސް އެންމެ ބޭފުޅުން ގާތުވެސް ނަމާދު ބާޠިލުނުވާ ކަންކަމެވެ. (މުއައްކަދާ ނޫން ސުންނަތްތައް) ޛިކުރު ކުރެއްވުމަށްފަހު އިބްނު ޤުދާމާ "އަލްމުޣްނީ" ގައި ވިދާޅުވިއެވެ: "މި އެންމެހާ ސުންނަތް ތަކެއްގެ ޙުކުމަކީ، ގަސްތުގައިވިޔަސް ހަނދާންނެތިގެން ވިޔަސް މިދޫކޮށްލުމުން ނަމާދު ބާޠިލުނުވާނޭކަމެވެ."(5)
1/2
__
(1) فتح الباري شرح صحيح البخاري 2/216
(2) އަދި ޢަބްދުއްރައްޒާޤް ވެސް އެކަލޭގެފާނުގެ ފޮތް "އަލްމުޞައްނަފް" ގެ "ބާބު: އަޅެއް އިމާމުވުން" ދަށުން މިރިވާޔަތް ސަނަދާއިއެކު ގެންނަވައި "ޙަސަން" ކަމަށްވިދާޅުވިއެވެ. އަދި "ސުނަން އަލްކުބްރާ" ގައި އަލްބައިހަޤީ ސަނަދާއިއެކު ރިވާކުރައްވައި ޙަސަން ދަރަޖަ ދެއްވިއެވެ. އަދި އައްޝާފިޢި ވެސް އެކަލޭގެފާނުގެ "މުސްނަދު" ގައި ސަނަދާއި އެކު ރިވާކުރެއްވިއެވެ.
(3) تغليق التعليق على صحيح البخاري - ج 2 ص290-291
(4) އިބްނު އަބީ ދާވޫދު ގެ އިތުރުން އިބްނު އަބީ ޝައިބާ 2/234
(5) އިސްލާމްވެބް ފަތުވާ ނަންބަރ 51686
📌 ވިތުރީގައި ޤުނޫތުކިޔުމުގެ ޞައްޙަ ކަމާއި ބެހޭގޮތުން ޚުލާސާ
"ވިތުރީގައި ޤުނޫތު ކިޔުން ނަބިއްޔާ ﷺ އަރިހިން ޘާބިތުނުވެއެވެ. ނަބިއްޔާ އަރިހުން ޙަދީޘްއެއް މިކަމުގައި ޢަމަލުން ކުރެއްވިކަމަށް ރިވާވެފައިނުވެއެވެ. އަދި މިކަމުގެ މައްޗަށް އެއް އިމާމަށްވުރެ ގިނަ ބޭފުޅުން ވާހަކަދައްކަވާފައިވެއެވެ. އަދި ނަބިއްޔާ ﷺ ވިތުރީގައި އެކިޔުއްވިކަމަށް ޘާބިތުވެގެން ނުވާ ކަމަށް އިމާމް އަޙްމަދު ވިދާޅުވިއެވެ. އަދި ހަމައެފަދައިން އިބްނި ޚުޒައިމާ ވެސް މިބާބުގައި ނަބިއްޔާ ﷺ އަރިހުން ސައްޙަ އެއްޗެއްރިވާވެފައިނުވާކަމަށްވިދާޅުވިއެވެ. އަދި މީގެ މައްޗަށް ޢަމަލުކުރުންވެސް ހަމަ އެފަދައެވެ. (ޞައްޙަ ނޫނެވެ.) އަލްޙަސަން އިބްނި ޢަލީ ގެ ޙަދީޘް އިމާމް އަޙްމަދު އަރިހުން އަދި އައްތިރުމިޛީ އަރިހުންވެސް ޢައިސްފައިވެއެވެ: އަލްޙަސަން އިބްނު ޢަލީ އަށް، ނަބިއްޔާ ﷺ "ވިތުރީގައި ކިޔުމަށް" ދުޢާ އެއް "اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ..." ދަސްކޮށްދެއްވިކަމަށް އޮތް ޙަދީޘްއެވެ. ބައެއްބޭފުޅުން މިއީ ވިތުރީގައި ގުނޫތުކިޔުމަށް އޮތް ދަލީލެއް ކަމުގައި ވިދާޅުވިއެވެ. އަހަރެމެން ބުނަމެވެ: މިރިވާޔަތުގައި "ގުނޫތުގައި" ކަމަށް އޮތް ބައި ޘާބިތެއް ނޫނެވެ. އެހެނީ އެ އައިސްފައިވަނީ ޔޫނުސް ބިން އަބޫ އިސްޙާޤް (ގެ މަގުން އައި) ރިވާޔަތުގައި ބުރައިދު ބުނު އަބީ މަރްޔަމް އަރިހުންނެވެ. އެހެނަސް މިކަމުގައި ޚިލާފުވެއެވެ. އެހެނީ ޝުޢައިބް ބުނު ޙައްޖާޖް ހަމަ ބުރައިދާ ބުނު މަރްޔަމް އަރިހުން (މި ޙަދީޘް) ރިވާކުރެއްވިއިރު އޭގައި "ޤުނޫތު"ގެ ވާހަކައެއް ޛިކުރެއްނުކުރައްވައެވެ. އަދި އެހެނަސް ބަޔާންވެފައިވަނީ ޢާންމު ދުޢާއެއްގޮތުގައި އެވެ. އެހެންކަމުން ވިތުރީގައި ކަމަށް މަޙްފޫޡު (ސާބިތު) އެއްނޫނެވެ. އެހެނަސް ބަޔެއް ޞަޙާބީންގެ އަރިހުން މިކަން އައިސްފައިވެއެވެ. އެބޭކަލުން ވިތުރީގައި ޤުނޫތު ކިޔުއްވައި އެއަށް އަމުރުކުރެއްވިކަމުގައެވެ. މިކަން ބައެއް ސަލަފުންގެ އަރިހުން އައިސްފައިވެއެވެ. އަދި ޢުމަރު ބުނު ޚައްޠާބް އާއި ޢަލީ ބިން އަބީ ޠާލިބްގެ އަރިހުންވެސް އެވެ. އަދި ޞަހާބީންގެ އަރިހުން މިޢަމަލުފުޅު ޢަތާއު ބިން އަބީ ރަބާހު ނަންގެންނެވިއެވެ. އެބޭކަލުން ޤުނޫތުކުރައްވާކަމަށެވެ. އެހެނަސް ވިތުރީގެ ޤުނޫތާއިމެދު ޚިލާފުވިއެވެ. ޤުނޫތު ކިޔުންވަނީ މުޅި ރަމަޟާން މަހަށް ހެއްޔެވެ؟ ނޫނީ އޭގެ (ދެބައިކޮށް) ފަހު ބައިގައި ހެއްޔެވެ؟ އައްޒުހުރީ އާއި ޢަބްދުލް ރައްޒާޤު އަރިހުން އައިސްފައިވޭ، އެބޭކަލުން ޤުނޫތު ނުކުރައްވާކަމަށް އެހެނަސް ރަމަޟާންމަހުގެ ފަހުބައިގައި މެނުވީއެވެ. އަދި މިއީ ޢަބްދުﷲ ބުނި މަސްޢޫދުގެ ޢަމަލުފުޅުންވެސް އައިސްފައިވާ ގޮތެވެ. އެހެންކަމުން ޤުނޫތުވަނީ ރަމަޟާންމަހުގެ އެންމެ ފަހުބައިގައެވެ. އަދި އިމާމް އަޙްމަދުގެ އަރިހުން މިކަމުގައި ރިވާޔަތްތަކެއް އައިސްފައިވެއެވެ. އެއްރިވާޔަތުގައި އެންމެ ފަހުބައިގައިކަމެވެ. އެހެން ރިވާޔަތެއްގައި މުޅި ރަމަޟާންކަމުގައެވެ. އަދި މީގައި އެންމެ ފާޅުކަންބޮޑީ، ޤުނޫތުވަނީ ރަމަޟާންމަހުގެ އެންމެ ފަހުބައިގައިކަމެވެ. ފުރަތަމަ ބައިގައެއްނޫންކަމެވެ. އެހެނީ ޞަޙާބީންގެ ޢަމަލުފުޅާއި ހަމައެފަދައިން ޚުލާފާއުއްރާޝިދީންގެ ޢަމަލުފުޅުވީ މިފަދައިންނެވެ..." (އައްޠަރީފީ ގެ ޖަވާބު މިހިސާބަށް)
އަދި މިއީ އިމާމް ޝާފިޢިގެވެސް ރައުޔެވެ. އެއީ އައްރައުޟާގައި އައްނަވަވީ ޛިކުރުކުރެއްވި ފަދައިންނެވެ. އަދި އިބްނު ސީރީން އާއި ޤަތާދާގެވެސް ރައުޔެވެ.
އަދި އަލްޙަސަން ބިން ޢަލީގެ ރިވާޔަތް "اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ..." އާއި ބެހޭގޮތުން އަލްޢުލްވާން ވިދާޅުވިއެވެ:
ސަނަދު ޖައްޔިދެވެ. (ރަނގަޅެވެ.) އެހެނަސް "ވިތުރީގެ ޤުނޫތުގަ" އޭ އޮތް ބައި ޝާޒް އެވެ. (އާދަޔާއި ޚިލާފު، އެބަހީ ބަލިކާށްޓެވެ.)
ދެން އެއަށްފަހު އެޙަދީޘް ގުނޫތުގެ ލަފުޒާއި ނުލައި، ބުރައިދާ އަރިހުން ގެންނެވި ޝުޢައިބް ބިން ހައްޖާޖް ، އަކީ ބުރައިދާ އަރިހުން ރިވާކުރެއްވި އެންމެހާ ބޭފުޅުން ތެރޭ އެންމެ އިތުބާރުކަން ބޮޑު ބޭފުޅާކަމަށް ބަޔާން ކުރައްވައި އެކަމަށް އިބްނު ޚުޒައިމާގެ ބަސްފުޅުގެންނެވިއެވެ. އެހެންކަމުން ގުނޫތު ނަންގަނެވުނު، ޔޫނުސް ބުނު އަބީ އިސްޙާޤު ގެ ރިވާޔަތް ކުރީގެ ރިވާޔަތް މައްޗަށް ބަލިކަށްޓެވެ.
ފައިދާއެއް:
މިދުޢާ ޝުޢްބާގެ ރިވާޔަތުގައި، އިމާމް އަޙަމަދު #1727 ރިވާކުރައްވާފައިވާ ގޮތަކީ:
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، إِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، إِنَّهُ لا يَذِلُّ مَنْ وَالَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ
ބައްލަވާ: الجامع الصحيح مما ليس في الصحيحين - ج 6 ޞ. 383
__________
ބައްލަވާ، އަލްޢަލްވާންގެ ބަސްފުޅު http://www.ahlalhdeeth.com/~ahl/vb/showthread.php?t=42619
އައްޠަރީފީގެ ސުވާލާއި ޖަވާބު
https://youtu.be/-TVzCnC1b0w
🔺 އުއްމީދު ކުރާށެވެ.
{قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً}
(ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ.)
❞ އޭ ފަހެ ފާފަވެރިޔާއެވެ — އަދި އަހަރެމެން ތެރެއިން ކޮންމެ އެކަކީ އޭގެތެރެއިންވާ މީހެކެވެ — ތިބާގެ ނުބައި ޢަމަލުތަކާ ހެދި، ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑާ ނުލާށެވެ. އެހެނީ ފަހެ ތިބާފަދަ ކިތައް މީހުން މިދުވަސްތަކުގައި ނަރަކައިން މިންޖު ކުރެވޭ ހެއްޔެވެ؟ ވީމާ ތިބާގެ ވެރިފަރާތާއި މެދު ހެޔޮކޮށް ހީކުރާށެވެ. އަދި އެއިލާހަށް ތަޥްބާށެވެ. އެހެނީ އެކަން ﷲ ގެ މައްޗަށް ލެއްވެވުން ނެތި ނުދެއެވެ. އެހެނަސް ނެތިގޮސްފި ބަޔަކަށް މެނުވީއެވެ. (އެބަހީ މަރެވެ.)
(ޅެން)
إذا أوجعتك الذنوب فداوها ...
ފާފައިގެ ސަބަބުން އަޅާނަމަ ވޭން ބޭސްކުރާށި އެއަށް...
برفع يد في الليل والليل مظلم
ރޭނގަނޑު އަދި ދަންވަރުގެ އަނދިރީގައި އަތް އުފުލައިގެން ތިބާ
ولا تقنطن من رحمة الله إنما ...
ﷲގެ ރަހުމަތުން ނަމަނަމަ ނުކަނޑާށި އުއްމީދު ތިބާ، ހަމަކަށަވަރުން...
قنوطك منها من ذنوبك أعظم
އެއިން އުއްމީދުކެނޑުން ވަނީ މާސިންގާ ފާފައިގެ ތެރޭން ތިބާ
فرحمته للمحسنين كرامة ...
އެހެނީ (ހެޔޮ ޢަމަލުގެ) މުޙްސިނުންނަށް އެއިލާހުގެ ރަޙުމަތަކަށް ވަނީ ކަރާމަތޭ (އެބަހީ: ޢިއްޒަތް ކުރެއްވުމޭ)...
ورحمته للمذنبين تكرم
އަދި ފަހެ ފާފަވެރިންނަށް އެއިލާހުގެ ރަޙުމަތަކަށް ވަނީ تَكَرَّم އޭ (އެބަހީ: ދީލަތިވެލެއްވުމޭ — ތަޥްބާލައްވަވައި) ❝
— އިބްނު ރަޖަބް އަލްޙަންބަލީ (رحمه الله)
މަޞްދަރު: ލަޠާއިފުލް މަޢާރިފި ޞ. 375
~ ގަލަންދާނު